ކުޅިވަރު

ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި


11ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ހޯދައިފިއެވެ.

ޓީރެކްސް ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ރެޑްލައިން ކްލަބްގެ މައްޗަށް 4 ޕޮއިންޓްގެ ތަފާތުން ކުރި ހޯދައި ލީގުގެ އެއްވަނަ ހޯދައިގެންނެވެ. ރޭގެ މެޗް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ކާމިޔާބުކުރީ 74 ޕޮއިންޓް 70 ޕޮއިންޓުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ރިކިން ޕެތާނީއެވެ. ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީވެސް ރިކިން ޕެތާނީއެވެ. ރިކިން ވަނީ ޓީރެކްސްއަށް ސައްވީސް ޕޮއިންޓް ހޯދައިދީފައެވެ. 

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށްހޮވުނީ ޗެމްޕިއަން ޓީރެކްސްގެ އިލްޔާސް އިބްރާހީމެވެ. ލީގުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިއަކީ އާރުއެލްސީގެ އެލެން ޓްރަޕަލޮވަޗެވެ. އެލެންވަނީ އާރުއެލްސީއަށް ޖުމްލަ 157 ޕޮއިންޓް ހޯދައިދީފައެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކީ ޓީރެކެސްގެ ރިކިންއެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކީ އާރްއެލްސީގެ އެލެންއެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކީ އާރްއެލްސީގެ މުޙައްމަދު ޒިލާލެވެ. ޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ކުޅުނު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާނެވެ. 

ފިރިހެން ލީގުގެ ގަދަ 4 ޓީމާއެކު 35ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތް މާދަމާ ފަށެމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗެވެ. މި މެޗް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.