ޚަބަރު

ސްކައިލާކް، އިންވިކްޓޯ އަދި އެން ސްޕޯޓްސްއަށް މޮޅެއް


  • މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 30ގެ ނިޔަލަށް

  • މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމުން ވާދަކުރޭ

ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 23 ވަނަ ގައުމީ ނެޓުބޯޅަ މުބާރާތުގައި ދެވަނަ ޑިވިޝަނުގެ މެޗުތަކެއް ވަނީ ކުޅެފައެވެ..

އެގޮތުން އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު، ސުޕަރ ޖެންޒީ އާ ބައްދަލުކޮށް، ވާދަވެރި ކުޅުމަކަށްފަހު އެންމެ 2 ޕޮއިންޓުގެ ތަފާތުން ކާމިޔާބުކުރީ އެސް.ސީ ސްކައިލާކް އެވެ. އެޓީމުން މެޗު ކާމިޔާބުކޮށްފައި ވަނީ 34-32 އިންނެވެ.

އިއްޔެގެ ދެވަނަ މެޗުގައި ކްލަބް އެން.ސްޕޯޓްސްގެ މައްޗަށް އިންވިކްޓޯ ސްޕޯޓްސް ކްލަބުން ވަނީ ތަފާތުބޮޑު މޮޅެއް ހޯދާފައެވެ. އެ ޓީމުން މި މެޗު ކާމިޔާބުކޮށްފައި ވަނީ 20-32 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ ފަހު މެޗުގައި އެން.ސްޕޯޓްސް އެކެޑަމީން ވަނީ ފިއޮންޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް އުނދަގޫ މޮޅެއް ހޯދާފައެވެ. މި މެޗުން އެ ޓީމު މޮޅުވެފައި ވަނީ 32-37 ގެ ނަތީޖާއަކުންނެވެ.

މި މެޗުތަކުގެ މޮޅު ކުޅުންތެރިންނަށް ބަލާއިރު، ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސުޕަރ ޖެން ސީގެ ލަމްޔާ ޢަބްދުﷲ އެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިންވިކްޓޯ ސްޕޯޓްސް ކްލަބުގެ ޢައިޝަތު ހިލްޔާ ޙަސަން ހޮވުނުއިރު، ތިންވަނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ އެން ސްޕޯޓްސް އެކަޑެމީގެ ކައިނާ ޔުނާލް ނަދީމެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމުން ވާދަކުރެއެވެ. މިމުބާރާތުގެ ކުޅުން މިމަހުގެ 19 ވަނަ ދުވަހު ފަށާފަވާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތައް 3 ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނެނީ ސުޕަ ޖެންޒީ، ޔޫތު ޔުނައިޑެޓް ސީ އެސް، ސީ އެސް ޝައިނިންގް ސްޓަރގެ އިތުރުން ސީ އެސް ސްކައިލާކެވެ. ގުރޫޕް ބީގައި ހިމެނެނީ ކުލަބް އެން ސްޕޯޓްސް، ޒެނިތު ސްޕޯޓްސް ކުލަބް، އިންވިކްޓޯ ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ އެސް ސީއެވެ. އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ފިއޮންތި ސްޕޯޓްސް ކުލަބް އަދި ބްލެކް ޕެންތާސް ސްޕޯޓްސް ކުލަބް ވާދަކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސީ ގައެވެ.