ޚަބަރު

ރާއްޖެ އެތެރެކުރި 27 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި


ފުލުހުންނާއި، ކަސްޓްމްސް ގުޅިވަޑައިގެން ހިންގެވި ކޮންޓްރޯލް ޑެލިވަރީ ދެ އޮޕަރޭޝަނެއްގައި 27 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ސެޕްޓެމްބަރ 30 އަދި އޮކްޓޫބަރު އެކެއްގައި އިންޑިއާގެ ބެންގަލޫރާއި ޓްރިވެންޑްރަމުން ރާއްޖެ އައި ދެ މީހަކަށް ޝައްކުކުރެއްވިގެން ބެއްލެވުމުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ވަކިވަކިން ހިންގި ކޮންޓްރޯލް ޑެލިވަރީ ދެ އޮޕާރޭޝަނަކީ ކަސްޓަމްސްއާއި ފުލުހުން ގުޅިވަޑައިގެން މިހާތަނަށް ހިންގެވި މިފަދަ އެންމެ ބޮޑު އޮޕަރޭޝަންތައް ކަމަށް އެދެފަރާތުން ވިދާޅުވެއެވެ.

ކަސްޓަމްސްގެ ހެޑް އޮފީހުގައި މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވިގޮތުގައި މިއޮޕަރޭޝަންތަކުގައި ގިނައިން އަތުލައިގެންފައިވަނީ ހަޝިޝް އޮއިލްކަމަށެވެ. ފުލުހުން ވަކިން ހިންގެވި އޮޕަރޭޝަނެއްގައި ހެރޯއިންވެސް އަތުލައިގެންފައިވެއެވެ. މިއޮޕަރޭޝަންތަކުގައި ޖުމްލަ 8 މީހަކު ހަޔަރަކޮށްފައިވެއެވެ. އަދި މިއެންމެންވެސް ކޯޓަށް ޙާޟިރުކުރެއްވުމުން ތަޙްޤީޤަށް ބައްދުގައި ބައިތިއްބުމުގެ ހުއްދަ ދެއްވާފައިވާކަމަށް މޫސާ ޢަލީ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލްވުމުގައި ކަސްޓަމްސްގެ އިންޓެލިޖެންސް އެންޑް ރިސްކް މެނޭޖްމަންޓްގެ ހެޑް، އިސްމާއިލް ހަމްދޫން ވިދާޅުވީ މި މަސްތުވާތަކެތި އަތުލައިގަތުމުގައި އެއަރޕޯޓުގައި ހަރަކާތްތެރިވާ ކަސްޓަމްސް މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މިހާތަނަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގައިގެން އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.