ޚަބަރު

ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމު ދޫކޮށް، ބަލައިގަންނަން ފެށުން


ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބިދޭންޖެހޭ މީހުން، އެހީއަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް މާލޭގެ ދެ ސަރަޙައްދެއްގައި ފަށްޓަވައިފިއެވެ.

އެގޮތުން ފޯމު ދޫކުރެއްވުމާއި ބަލައިގެންނެވުމުގެ ޚިދުމަތާއި ޢާއްމުންނަށް އެ ފޯމާގުޅޭ މައުލޫމާތު ދެއްވުމަށްޓަކައި ވިލިމާލެ އަދި ހުޅުމާލެ ފެރީޓާރމިނަލްގައި ވަނީ މޭޒުތައް ބަހައްޓަވާފައެވެ. މީގެ އިތުރުން އެސްޓީއޯއިން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ 14 އައުޓްލެޓަކުން މާދަމާއިން ފެށިގެން ކާޑުގެ ސަބްސިޑީއަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ޚިދުމަތް ދެމުންދާނެއެވެ.

ފަޤީރު ޙާލަތުގައި އުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ފަރާތުން  ދެއްވާ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމާ ގުޅޭގޮތުން ޢާއްމުންނަށް ފަސޭހައިން މަޢުލޫމާތު ލިބިދެއްވުމަށްޓަކައި، ވިލިމާލެ އަދި ހުޅުމާލެ ފެރީޓާރމިނަލްގައި އެ އެޖެންސީގެ މޭޒުތައް ވަނީ ބަހައްޓަވާފައެވެ. އަދި އެންސްޕާ އޮފީހުގައިވެސް އެކަމަށް ޚާއްޞަ ކައުންޓަރެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މީރާ އޮފީސް ބޭރުގައިވެސް އެފަދަ ޑެސްކެއް ބެހެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މޭޒުތަކުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރުފަހު 2 ޖަހަންދެން ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ އައިޑީ ކާޑަކަށް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ އެއް ފޯމެވެ.

ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމް އެންސްޕާގެ ކައުންޓަރުންނާއި، އެ އެޖެންސީގެ ވެބްސައިޓް www.nspa.gov.mv އިން ޑައުންލޯޑްކުރެވޭނެ ކަމަށާއި އަދި ރަށްރަށުގެ ރަށު ކައުންސިލްތަކުންވެސް ފޯމް ލިބެން ހުންނާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.  

ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބިދޭންޖެހޭ މީހުން އެހީއަށް އެދި ހުށަހަޅާ ފޯމް ގިނަ ޢަދަދެއްގެ ބަޔަކު ނަގަމުން އަންނަ ކަމަށާއި ފޯމް ހުށައަޅާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ފޯމްހުށައެޅި ފަރާތަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވާއިރު، ޝަރުތު ހަމަވާ މަހުން ފެށިގެން ފައިސާ ޖަމާކުރައްވަމުން ގެންދަވާނެ ކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތަކަށް ގެންނެވި ބަދަލާއެކު ބާޒާރުގައި ހަނޑޫ، ހަކުރު އަދި ފުށް ވިއްކަވާ އަގުތަކަށް ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން މީގެ ކުރިން 3.98 ރުފިޔާއަށް ލިބެން ހުރި ހަނޑޫ ކިލޯއެއް މިހާރު ވިއްކާނީ 7.96 ރުފިޔާ އަށެވެ. ފުށް ކިލޯއެއް ކުރިން 2.98 ރުފިޔާއަށް ލިބެން ހުރިއިރު، މިމަހުގެ 1 ގައި ޢަމަލުކުރައްވަން މިފެއްޓެވި ބަދަލާއެކު ފުށް ކިލޯއެއް ބާޒާރުގައި ލިބެން ހުރީ، 5.96 ރުފިޔާ އަދި މީގެކުރިން 4 ރުފިޔާއަށް ވިއްކަވަމުން އައި ހަކުރު ކިލޯއެއް މިހާރު ވިއްކަނީ 8 ރުފިޔާއަށެވެ.

ސަބްސީޑީގެ ގޮތުގައި މަހަކަށް ލިބޭނީ ބޮލަކަށް 40 ރުފިޔާ، އަދި ގޭބިސީއަކަށް 240 ރުފިޔާއެވެ. އަހަރެއްގެ މައްޗަށް ބަލާއިރު، މިއީ ބޮލަކަށް 480 ރުފިޔާއެވެ. ގޭބިސީއަކަށް 2880 ރުފިޔާއެވެ. މިފައިސާ ޖަމާކުރައްވާނީ ގޭބިސީން ކަނަޑައަޅާ ވަކި އެއްފަރާތުގެ ބޭންކް އެކައުންޓަށެވެ.