ޚަބަރު

ފައިސާ ފޭރިގަތް މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ


މަޖީދީ މަގުގައި ހުންނަ ވެސްޓަރން ޔޫނިއަންގެ އޮފީހަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަނަގެން ފިލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު 00:45 ހާއިރު މޫނޫ ނިވާކޮށްގެންތިބި ބަޔަކު ވެސްޓަރން ޔޫނިއަންގެ އޮފީހަށް ވަދެ ގިނަ ޢަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ އެތަނުގެ މުވައްޒަފުން ބަނދެ، ވަޅިން ބިރުދެއްކުމަށްފަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހުން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ނޭގޭއިރު، ގެއްލުނު ހުރިހާ ފައިސާއެއް މިހާތަނަށް ފެނިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ވެސްޓަރން ޔޫނިއަން އިން ފައިސާ ފޭރިގަތް މީހުން ފިލަން ދުވެ ގޮސްވަދެފައިވަނީ އިމާރާތް ކުރަމުންދާ ގެއެއްގެ ތެރެއަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޭގެ ސިޑި ގޮޅިން ބައެއް ފައިސާ ފެނިފައިވާއިރު އެމީހުން ފިލަން ދުވި މަގުމަތިންވެސް ބައެއް ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވެސްޓަރން ޔޫނިއަންއަކީ ފައިސާ އެއްތަނުން އަނެއްތަނަށް ފޮނުވުމުގެ ޚިދުމަތާއި މުވާސަލާތީ ބައެއް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ރާއްޖޭގައި ހުންނަ ވެސްޓަރން ޔޫނިއަންގެ އޮފީސް މެދުވެރިކޮށް ގިނަ ޢަދަދެއްގެ ބަޔަކު އެކި ކަންކަމުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވައެވެ. ވެސްޓަރން ޔޫނިއަންގެ މަނީ ޓްރާންސްފަރ ޚިދުމަތަކީ ރާއްޖޭގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ބިދޭސީންގެ އިތުރުން ފަތުރުވެރިންވެސް ބޭނުންކުރާ މަޤްބޫލު ޚިދުމަތެކެވެ.

ވެސްޓަރން ޔޫނިއަންގެ އޮފީސް ހުންނަ މި ޢިމާރާތުގައި ރާއްޖޭގައި އޮޕަރޭޓްކުރާ ބައެއް އެއަރލައިންތަކުގެ އޮފީސްތައްވެސް ހުރެއެވެ.