ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ހޯދުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ހަނިވެއްޖެ އެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗު އެއްވަރުވިއިރު ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ވަނީ 8 ޕޮއިންޓަށް އިތުރުވެފަ އެވެ. ރެއާލް މެޑްރިޑަށްވުރެ އެއް މެޗު މަދުން ކުޅެގެން ބާސެލޯނާއަށް 82 ޕޮއިންޓް ލިބިފައިވާއިރު ރެއާލް މެޑްރިޑަށް ލިބިފައިވަނީ 74 ޕޮއިންޓެވެ.
ލީގުގައި ބާކީ ފަސް މެޗު ރެއާލް މެޑްރިޑަށް އޮތްއިރު މިއަދު ގެޓާފޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު 11 ޕޮއިންޓަށް އިތުރުވެގެންދާނެ އެވެ. އެހެންވެއްޖެނަމަ ލީގު ޗެމްޕިއަންކަން ހޯދުމަށް ބާކީ އޮތް ފަސް މެޗުން ބާސެލޯނާ ހޯދަން ޖެހޭނީ ހަތަރު ޕޮއިންޓެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި ރެއާލް މެޑްރިޑް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވިނިޝިއަސް ޖޫނިއާ އެވެ.
މި ލަނޑަށްފަހުވެސް ރެއާލް މެޑްރިޑަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކިލިއަން އެމްބާޕޭ ޖެހި ލަނޑެއް ރެފްރީ ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. މީގެ އިތުރުން ވިނިޝިއަސް އާޢި ޖޫޑް ބެލިންހަމް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
ރެއާލް ބެޓިސް އިން ވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް މި މެޗުގައި ތަނަވަސްކޮށްފައިވާއިރު ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ލުނިން ވަނީ މި މެޗުގައި މޮޅު ސޭވްތަކެއް ކޮށްފަ އެވެ.
ބެޓިސް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ހަތަރުވަނަ މިނިޓުގައި ހެކްޓަރ ބެލެރިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑް އިން އަންނަ ހަފްތާގައި އެސްޕަނިއާލް އާއި ދެކޮޅަށް ކުޅުމަށްފަހު ނިކުންނާނީ ބާސެލޯނާ އާއި ދެކޮޅަށެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރު ވެފައިވާ މި މެޗަށްފަހު ލަލީގާގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދާނެ ބައެއް ކަށަވަރުވެގެންދާނެ އެވެ.