އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިރާނުގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔާނެ ކަމަށް އެ ގައުމުން ކަށަވަރު ކޮށްދީފި އެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވައިޓް ހައުސްގައި ހުންނަވައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއްވެސް އިރަކު އިރާން ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ނާންނަން އޭނާގެ ގައުމުން ބުނެފައި ނުވާނެ ކަމަށެވެ. އެކަމަކު އޭނާ ވަނީ އިރާނުގެ ބައެއް އޮފިޝަލުންނަށް މުބާރާތަށް އެމެރިކާ އައުމަށް ވިސާ ނުލިބިދާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.
"އެމެރިކާއަކުން އެއް ފަހަރު ވެސް ނުބުނަން އެމީހުންނަށް ނާދެވޭނެ ވާހަކަ. އިރާނާ އޮތް މައްސަލައަކީ އިރާނުގެ ކުޅުންތެރިންނާ އޮތް މައްސަލައެއް ނޫން. އެއީ އެހެން ބަޔަކާ އޮތް މައްސަލައެއް. އެފަދަ މީހުން ޓީމާއެކު ގެންނަން ބޭނުން ވެދާނެ. އެކަމަކު އައިއާރުޖީސީ (އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް)ގެ މީހުންނާ ގުޅުން ހުރި ފަރާތްތަކަށް އެތެރެ ނުވެވޭނެ. އެކަމަކު ކުޅުންތެރިންނަށް އާދެވޭނެ،" ރޫބިއޯ ވިދާޅުވި އެވެ.
ރޫބިއޯގެ މި ވާހަކައިން ދޭހަކޮށްދޭ ކަމަކީ އިރާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް މެހެދީ ތާޖް އަށް ވޯލްޑް ކަޕް ބައްލަވަން ވެސް އެމެރިކާ އަށް ވަޑައިގަތުމުގެ ފުރުސަތު ނެތް ކަމެވެ. ފީފާއިން އެދިގެން ވެސް އެމެރިކާއިން ވަނީ ޑިސެމްބަރު މަހު އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ވެސް އޭނާ އަށް ފުރުސަތު ނުދީފަ އެވެ.
ރޫބިއޯ އިތުރަށް ވިދާޅުވީ އެމެރިކާއިން އެއްވެސް އިރަކު އިރާނުގެ ބަދަލުގައި އިޓަލީ ވޯލްޑް ކަޕަށް ގެނައުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެވާހަކަ އިވިގެން އުޅެނީ ކޮން ގޮތަކަށް، ކާކުގެ ފަރާތަކުން ކަމެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ރޫބިއޯ އިރާނަށް މަރުހަބާ ކިޔާނެ ވާހަކަ ވިދާޅުވީ ޝަރަފުވެރި އަދި ކާމިޔާބު ބައިވެރިވުމަކަށް ވޯލްޑް ކުޅެން އެމެރިކާ އަށް ދިއުމަށް އިރާން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުން ބުނިތާ އެއް ދުވަސް ފަހުންނެވެ. މިއީ އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން މި ސާފުކޮށް ވޯލްޑް ކަޕުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް އެ ގައުމުން ކުރި ފުރަތަމަ ފަހަރެވެ. މިވަގުތު ހަނގުރާމަ އޮތީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ.
އިރާން ސަރުކާރުގެ ސްޕޯކްސް ޕާސަން ފާތިމާ މޮހެޖެރާނީ އިރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ބުދަ ދުވަހު ވިދާޅުވީ އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ ވޯލްޑް ކަޕުގައި ކުޅެން އެމެރިކާ އަށް ދާން ތައްޔާރުވާން އަންގާފައި ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނުން ވޯލްޑް ކަޕުގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އޭނާ މިހެން ވިދާޅުވީ މާޗު 31 ވަނަ ދުވަހު ތުރުކީގައި އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްބައެއް ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ވޯލްޑް ކަޕުގައި އިރާން ހިމެނެނީ ނިއުޒީލޭންޑާއި ބެލްޖިއަމާއި މިސުރާ އެއް ގްރޫޕެއްގަ އެވެ. މި މެޗުތައް ކުޅެން ޖެހޭނީ އެމެރިކާގަ އެވެ. މެޗުތަކަށް އިރާނުން ކޭމްޕް ކުރާނީ އެމެރިކާގެ އަރިޒޯނާގައި ޖޫން 10 ވަނަ ދުވަހު ކަމަށް ވެސް ފީފާއިން ވަނީ ބުނެފަ އެވެ.
އިރާނުން ވޯލްޑް ކަޕުގައި ކުޅެން ތައްޔާރުވިއިރު މިހާރު އެންމެ އަވަހަށް ކުރަން ޖެހިފައި އޮތް ކަމަކީ ވެސް ޓީމުގެ އެންމެހާ މެމްބަރުންނާއި ފުޓްބޯޅަ ޑެލިގޭޝަނުގެ ބޭފުޅުންނަށް އެމެރިކާ އަށް ދިއުމަށް ބޭނުންވާ ވިސާ ހަމަޖެއްސުމެވެ.