ނެޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 23 ވަނަ ޤައުމީ ނެޓުބޯޅަ މުބާރާތުގެ އިއްޔެގެ މެޗުތައް ކްލަބް މެޓްރިކްސް އަދި ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ)އިން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި އިއްޔެ ފުރަތަމަ ވާދަކުރީ ކްލަބް މެޓްރިކްސްއާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިމެޗު ފަސޭހަކަމާއެކު 75-32 އިން ކްލަބް މެޓްރިކްސްއިން ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖީއޭ އާއިޝަތު ސަލީމާއެވެ.
ޤައުމީ ނެޓުބޯޅަ މުބާރާތުގައި ރޭ ކުޅެވުނު މެޗުވެސް ފާހަގަކުރެވުނީ މާބޮޑު ވާދަވެރިކަމެއް ނެތް ފަސޭހަ މެޗެއްގެ ގޮތުގައެވެ. އެގޮތުން މިމެޗުގައި ކޭވައިއާރްސީއިންވަނީ 67-29 ގެ ބޮޑު ތަފާތަކުން އެމްވީ ނެޓާސް ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކޭވައިއާރްސީގެ ޖީއޭ ބަލަޕުވަޑުގެ ހަސީތާ ލަކްމާއި މަންޑިސްއެވެ.
23 ވަނަ ޤައުމީ ނެޓުބޯޅަ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ 4 ޓީމާއި ދެވަނަ ޑިވިޝަނުގެ 12 ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ.
މި މުބާރާތުގައި ވާދަކުރަމުންދާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ދާދިފަހުން ނިމުނު ނެޓްބޯޅަ ލީގުގެ ޗެންޕިއަނުންކަމަށްވާ ކުލަބު މެޓްރިކްސް، ސީ ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ އަދި އެމްވީ ނެޓާސްއެވެ.
މިމުބާރާތުގެ ދެވަނަ ޑިވިޝަނުގެ ވާދަކުރާ ޓީމުތައް 3 ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނެނީ ސުޕަ ޖެން ސީ، ޔޫތް ޔުނައިޑެޓް ސީ އެސް، ސީ އެސް ޝައިނިންގް ސްޓަރގެ އިތުރުން ސީ އެސް ސްކައިލާކްއެވެ. އަދި ގުރޫޕް ބީގައި ހިމެނިފައިވަނީ ކުލަބް އެން ސްޕޯޓްސް، ޒެނިތް ސްޕޯޓްސް ކުލަބް، އިންވިކްޓޯ ސްޕޯޓްސް ކުލަބް އަދި ޔުނައިޓެޑް ޔުނިޓީ އެސް ސީއެވެ. އަދި އެން ސްޕޯޓްސް އެކަޑަމީ، އާޖީލަކަށް، ފިއޮންތި ސްޕޯޓްސް ކުލަބް އަދި ބްލެކް ޕެންތާސް ސްޕޯޓްސް ކުލަބް ވާދަކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސީ ގައެވެ.
ގައުމީ ނެޓުބޯޅަ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 19 އިން 30 ގެ ނިޔަލަށް މާލޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.