ކުޅިވަރު

ޒަވީ އަށް އެއްބާރުލުން ނުދިނީ މެސީ


ބާސެލޯނާގެ އިންތިހާބުގައި ރައީސް ޖޯން ލަޕޯޓާއާ ދެކޮޅަށް އޭނާ ދައްކަމުންދިޔަ ވާހަކަތަކަށް އެއްބާރުލުން ދޭން ޒަވީ ހަނާންޑޭޒް އެދުނު ނަމަވެސް ލަޔޮނަލް މެސީ އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފި އެވެ.

އިންތިހާބުގައި ޒަވީ ތާއީދު ކުރީ ލަޕޯޓާއާ ވާދަކޮށް ބޮޑު ތަފާތަކުން ބަލިވި އޭނާގެ އެކުވެރި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓަށެވެ. މާޗު މަހު ބޭއްވި އިންތިހާބުގައި ލަޕޯޓާ އަށް 69 ޕަސެންޓް ވޯޓޫ ލިބި ދެ ވަނަ ދައުރަކަށް ހޮވުނުއިރު ފޮންޓަށް ލިބުނީ 29 ޕަސެންޓް ވޯޓެވެ.

މިއިންތިހާބުގައި ފޮންޓަށް ތާއީދު ހޯދުމަށް ޒަވީ އެންމެ ބޮޑަށް ދައްކަމުންދިޔަ ވާހަކަ ތަކަކީ މެސީ އަލުން ބާސެލޯނާ އަށް ގެނައުމަށް ނޫނެކޭ ބުނީ ލަޕޯޓާ ކަމަށެވެ. އަދި އެވާހަކަތަަކަށް އޭނާއާއެކު ބާސެލޯނާ އަށް ކުޅުނު މެސީ އާއި ސުއަރޭޒްގެ ތާއީދު ހޯދަން ޒަވީ އެމެރިކާ އަށް ވެސް ދިޔަ ކަމަށެވެ.

"ޒަވީ ވަނީ އެމެރިކާ އަށް ދަތުރުކޮށް، ވީޑިއޯ ކޯލެއް މެދުވެރިކޮށް މެސީ އާއި ލުއިސް ސުއަރޭޒާ ވާހަކަ ދައްކާފައި. އޭނާ އެދުނީ އޭނާ ދައްކަމުންދިޔަ ވާހަކަތަކަށް މެސީ އާއި ސުއަރޭޒް ތާއީދު ކޮށްދޭނެ. އޭރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބެލީ. ނަމަވެސް މެސީ ވަނީ މިކަމަށް ޖަވާބު ނުދީފައި. އޭނާ ބުނިހާ ވެސް ވާހަކަ އަކީ އެ ފޯނު ކޯލަށްޓަކައި ޒަވީ އަށް މަރުހަބާއޭ. ސުއަރޭޒް ވަނީ ސޯޝަލް މީޑިއާގައި ޒަވީ ދެއްކި ވާހަކަތަކަށް ލައިކެއް ދީފައި. އެކަމަކު އޭނާ ވެސް އެއަށްވުރެ ބޮޑު ވަރެއް ނުކުރޭ،" ސްޕޭނުގެ ރޭޑިއޯތަކުން ބުނެފައިވެ އެވެ.

އިންތިހާބުގެ ނަތީޖާ އަށް ފަހު ފޮންޓާއި ޒަވީ ވެސް ފެންނަނީ ހިމޭނުންނެވެ. ސްޕޭނުގެ ނޫސްތަކުން ބުނަނީ މި އިންތިހާބުގައި މެސީ ނިންމީ ހިމޭނުން ހުރުމަށެވެ. ނަމަވެސް ލަޕޯޓާއާ ދެކޮޅަށް ބާސެލޯނާގެ ކުރީގެ ސްޕޯޓީން ޑައިރެކްޓަރު މެތިއު އެލަމަނީ ވާހަކަ ދެއްކި އެވެ. ނަމަވެސް ލަޕޯޓާ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ރައްދުދީފަ އެވެ. އަދި މެސީއާ ގުޅުވައިގެން ދެއްކި ވާހަކަތައް ދޮގުކޮށް ލަޕޯޓާ ބުނީ މެސީ އެ ވާހަކަތަކުގެ ހަގީގަތް ކިޔައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި މެސީ ބާސެލޯނާއިން ފޮނުވާލައި އަލުން ނުގެނެވުނީ ވެސް މާލީ ދަތިތަކުގެ ސަބަބުން ކަމަށެވެ.