ވިޔަފާރި

ސަބްސިޑީ ދޫކުރައްވާ އުޞޫލަށް ގެންނެވި ބަދަލަކީ މުހިންމު ބަދަލެއް


ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލު ސަރުކާރުން އަލުން މުރާޖަޢާކުރައްވައި ގެންނެވި ބަދަލަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް ގެންނެވި މުހިންމު ބަދަލެއްކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިޔާއިން ވިދާޅުވެއްޖެއެވެ.

ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރައްވާ ހޭދައިގެ މަންފާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތައް އަލުން މުރާޖަޢާކުރައްވައި އެކަމުގެ ސިޔާސަތަށް ގެންނެވި ބަދަލަށް ޢަމަލުކުރައްވަން ފަށްޓަވާފައިވާއިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިގެންނެވި ބަދަލާ ގުޅޭގޮތުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ފަރާތުން އެ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާޞިފް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރު މިއޮތް ގޮތަށް ބަލައި، އިތުރަށް އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށްޓަކައި ކުރަންޖެހޭ އެއްކަމަކީ، ސަބްސިޑީ ދެވޭގޮތަށް ބަދަލު ގެންނެވުން ކަމަށާއި، ސަބްސިޑީ ދެއްވުމުގެ ޢުޞޫލަށް ސަރުކާރުން މިގެންނެވި ބަދަލަށް އެޖަމްޢިއްޔާއިން ފުރިހަމައަށް ތާއީދު ކުރާކަމަށެވެ.

ޢާޞިފް ވިދާޅުވީ، މިބަދަލާއި ގުޅިގެން ވިޔަފާރިވެރިންގެ އެއްވެސް ޝަކުވާއެއް އެ ޖަމްޢިއްޔާއަށް ހުށަނޭޅޭ ކަމަށާއި، އެފަރާތްތަކަށް ލިބޭ އަގަކަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލައިގެން އެފަރާތްތަކުން ވިޔަފާރި ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަމުގެ ނާޖައިޒް ފައިދާ ނަގައި ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ކަމަށާއި، އޭގެ ސަބަބުން ބައެއް ތަކެތީގެ އަގުތައް އުފުލޭނަމަ ސަރުކާރަށް އެކަން ޙައްލު ކުރެއްވޭނެކަން ޢާސިފް ވަނީ ފާހަގަކުރައްވާފައެވެ.

ޢާޞިފް ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ އިޤްތިޞާދީ ބަދަލުތައް ގެންނަން ކެރިވަޑައިގަންނަވާ ސަރުކާރެއް ކަމަށެވެ. އަދި މިފަދަ ބަދަލުތައް ގެންނަވައިގެން މެނުވީ ޤައުމުގެ އިޤްތިޞާދުގެ ކުރިމަގު ފެނިގެން ނުދާނެ ކަމަށެވެ.

ކަންކަން ޙައްލުކުރެއްވުމަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ތަޙައްމަލުކުރަން ޖެހިދާނެ ފަދަ ބަދަލުތައް ކަމަށާއި އެންމެން ގުޅިގެން މިފަދަ ކަންކަން ޙައްލުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ކުރިއެރުވުމަށް ބޭރުގެ އެހީދޭ ފަރާތްތަކާއި އެފަދަ އެހީތަކަށް ބާރުއަޅައިދޭ ފަރާތްތަކުން، ރާއްޖޭގައި ސަރުކާރުން ރައްޔިތުންނަށް ދެއްވާ ކަރަންޓް ސަބްސިޑީއާއި ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ދެއްވުމާ ދެކޮޅަހަދަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވެފައިވެއެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ދޭ ލަފައާއި އަދި ބާރުއެޅުންތަކާ ގުޅިގެން ސަބްސިޑީޒް އުނިކުރެއްވުމުގައި ގެންގުޅުއްވާ މައިގަނޑު ސިޔާސަތަކީ، އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް އެންމެ ކުޑަވާނެގޮތަށް އެކަން ކުރެއްވުންކަމުގައި ސަރުކާރުން ވިދާޅުވެއެވެ.