ޚަބަރު

ޗެލްސީގެ ކޯޗުކަމުން ރޮޒީނިއާ ވަކިކޮށްފި


  • ޗެލްސީގެ ކޯޗުކަމާ ރޮޒީނިއާ ހަވާލުވީ ޖެނުއަރީ 6 ވަނަ ދުވަހު

  • އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޗެލްސީ ވީ ބަލި

  • މި ފަސް މެޗުން ޗެލްސީ ބަލިވީ ލަނޑެއް ނުޖެހި

ޗެލްސީގެ ހެޑް ކޯޗުގެ މަގާމުން ލިއަމް ރޮޒީނިއާ ވަކިކޮށްފިއެވެ.

ނަތީޖާ ނެރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ޗެލްސީގެ ކޯޗުކަމާ ރޮޒީނިއާ ހަވާލުވީ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 41 އަހަރުގެ ރޮޒީނިއާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ފަސް އަހަރާއި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެހެހްނަމަވެސް ކޮންޓްރެކްޓުގެ ބޮޑު ބައި ބާކީ އޮއްވައި އޭނާ ކޯޗުކަމުން ވަކިކޮށްފައި މިވަނީ، ޗެލްސީއަށް ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. މި ފަސް ބައްޔާ ޗެލްސީން ކުރިމަތިލާފައިވާއިރު، މިއިން އެއްވެސް މެޗެއްގައި ޗެލްސީއަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިއީ 1912 ވަނަ އަހަރަށްފަހު ޗެލްސީއަށް ޖެހިޖެހިގެން ފަސް މެޗުގައި ލަނޑެއް ނުޖެހި ބަލިވާން ޖެހުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ޗެލްސީ ބަލިވެފައިވާއިރު، އެންމެފަހުން އެ ޓީމުން ކުޅުނު އަށް މެޗުގައި ވެސް ވަނީ ބަލިވެފައެވެ. އެންމެފަހުން ޗެލްސީ މެޗަކުން މޮޅުވެފައި ވަނީ މާޗު މަހުގެ ހަތްވަނަ ދުވަހު، އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރެކްސްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ރޮޒީނިއާގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅެފައި ވަނީ ޖުމްލަ 23 މެޗެވެ. އޭގެތެރެއިން ޗެލްސީ މޮޅުވެފައި ވަނީ 10 މެޗުންނެވެ. ބާކީ 13 މެޗުގެ ތެރެއިން 11 މެޗުން ޗެލްސީ ވީ ބައްޔެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ.

ޗެލްސީގެ ކޯޗުކަމުން ރޮޒީނިއާ ވަކިކުރިއިރު، ވަގުތީގޮތުން، "ކެއާޓޭކަރ" ކޯޗެއްގެ ގޮތުގައި ޗެލްސީއާ ހަވާލުވީ ކެލަމް މިކްފާލޭން އެވެ.