ސިއްހަތު

ހުންއައިސްގެން ޑޮކްޓަރަށް ދައްކާ މީހުން ޒިކާއަށް ޓެސްޓުކުރަނީ


ހުންއައިސްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދައްކާ ބަލިމީހުން ޒިކާ ވައިރަހަށް ޓެސްޓްކުރައްވަން ފަށްޓަވައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މި ޓެސްޓްކުރައްވަން ފެއްޓެވީ، މަދިރީގެ ޒަރީޢާއިން ފެތުރޭ ހުމެއް ކަމަށްވާ ޒިކާ ވައިރަސް އިންފެކްޝަން ރާއްޖޭގައި އުޅޭ މިންވަރު ދެނެގަންނަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހިންގަވާ ސަރވައިލަންސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ. އަދި ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މާބަނޑު މީހުންވެސް ޒިކާއަށް ޓެސްޓް ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މާބަނޑު މީހުން މިބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅު އުފެދުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރޭތޯ ބަލައި ދިރާސާ ކުރެވެމުންދެއެވެ.

ޒިކާ ޖެހުމުން ވަކި ޚާއްޞަ އަލާމާތެއް ފެންނާކަށް ނުހުރެއެވެ. ޒިކާ ޖެހުމުން ޢާއްމުކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިން ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުމާއި ގައިގައި ރިއްސުމާއި ބޮލުގައި އަދި ގައިގެ ހުޅުތަކުގައި ރިއްސުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.