މުނިފޫހިފިލުވުން

"ލަވަކިޔުންތެރިއެއް ޝޯވއެއް ހޯސްޓުކުރުމަކީ މައްސަލައެއް ނޫން"


މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއް، ފެށުނުއިރު ގިނަ ބަޔަކު ހީކުރި ގޮތާއި ހީކުރުންތަކަށް ދުވަހުން ދުވަހަށް އައި ބަދަލާއި، ސީޒަން ނިމުމަކާ ހަމައަށް ދިޔައިރު މީހުންނަށް ލިބުނު ޙައިރާންކަމާއި އުފަލަކީ އެންމެންނަށް އެނގޭ ކަމެކެވެ. އައިޑަލް ސީޒަން 2 މިހާރު ލޯންޗް ކޮށްފައިވާއިރު، ބެލުންތެރިން އިންތިޒާރުކުރަނީ، ދެވަނަ ސީޒަންގެ އުފެއްދުންތެރިކަމާއި ހުނަރަށެވެ.

އައިޑަލްގެ ކަންކަމުގައި މިދިޔަ އަހަރު ނުފެންނަ އައު މޫނުތައް މިފަހަރު ހިމެނޭއިރު، އެއިން އެއް މޫނަކީ، ކުޅަދާނަ ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ލަޠީފެވެ. 

"އެދިގެން މިރޭ ދާނަމޭ" މި ލަވައިގެ ކަވަރ ސޯންގާއެކު، ޓީ.ވީ.އެމުން 2011 ވަނަ އަހަރު ގެނެސްދިން "އެހަނދާނުގައި ރެޓްރޯ" އިން ދިވެހި މިއުޒިކީ ދާއިރާއަށް މަޝްހޫރުވެގެންދިޔަ އާމިނަތު ލަމްހާ ލަޠީފް، ޢާއްމު ނަމުންނަމަ ލަމްއަކީ މިވަގުތު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެއް އަންހެން ފަންނާނެވެ. މިދެންނެވި ލަވައަކާއެކު ޢާއްމުންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް އޭނާއަށް ލިބިގެންދިޔަ ނަމަވެސް، ލަމްގެ ލަވަކިޔުމުގެ ކެރިއަރގެ ޙަޤީޤީ ފެށުމަކީ ޓީ.ވީ.އެމް އިންޓަރސްކޫލް ކުދިންގެ ލަވަކިޔުމުގެ މުބާރާތެވެ. އިސްކަންދަރު ސްކޫލުގައި ތަޢުލީމް ޙާޞިލްކުރަމުން އޭނާ ވަނީ އެކި ފަހަރު މަތިން ސްކޫލް ކުދިންގެ ލަވަކިޔުމުގެ މުބާރާތުގައި ބައިވެރިވެ ރަންވަނަތަކެއް ޙާޞިލްކޮށްފައެވެ.

އޭރުވެސް، މިހާރުވެސް ލަމް ފާހަގަވެގެންދަނީ ވަރަށް މަޖާ، ހިތްހެޔޮ އަދި އެންމެނާވެސް ވަރަށް ގުޅޭ މިޒާޖެއްގެ ފަންނާނެއްގެ ގޮތުގައެވެ. ކުޑައިރުއްސުރެއް ލަވަކިޔުމަށް ޝައުގުވެރިކަން ހުންނަ ލަމް އޭނާއަށް މިދާއިރާއަށް ވަދެވުނު ގޮތް ކިޔައިދިނެވެ. ލަމް ބުނިގޮތުގައި މިދާއިރާއިން ކުރިއަށްގޮސް، ރަނގަޅު ކެރިއަރއެއް ބިލްޑްކުރުމަކީ އޭނާ އެއްއިރެއްގައިވެސް އުއްމީދުކުރި ކަމެއް ނޫންނެވެ.

"ލަމް އަސްލު ކުޑައިރުއްސުރެއް ލަވަކިޔަން. އިސްކަންދަރު ސްކޫލުގައި އުޅުން އިރުއްސުރެއް ލަވަ މުބާރާތްތަކުގައި ލަވަކިޔާ އުޅުނިން. ބެލުންތެރިންގެ ތެރޭގައި ބޮޑަށް މަޝްހޫރުވެ، ފެނިފައި ހުންނާނީ އެހަނދާނުގައި ރެޓްރޯއިން. އެވެސް ހަމަ އޮޑިޝަނެއްގައި ބައިވެރިވެގެން އެފުރުޞަތު ލިބުނީ" ލަމްް ކިޔައިދިނެވެ.

img:http://s4.psmnews.mv/images/660x400/14756702505277.jpg|ލަމްހާ ލަޠީފް ޕީއެސްއެމްއަށް އިންޓަރވިއު ދެނީ- ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަން އައިޑަލް ސީޒަން 2 ރަސްމީކޮށް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބެލުންތެރިން އެންމެ ސިއްސުވާލި އެއްކަމަށްކަށް ވެގެންދިޔައީ، އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި މިފަހަރުގެ ސީޒަންގައި ފެނިގެންދާނީ ކުޅަދާނަ ލަވަކިޔުންތެރިޔާ ލަމްހާ ކަމަށް އިޢުލާންކުރުމެވެ. ބޮޑެތި އެވޯޑް ހަފްލާތަކާއި، ޓީވީ ޝޯވތައް ލަވަކިޔުންތެރިންނާއި، ފިލްމީ ތަރިން ހޯސްޓްކުރުން ނުވަތަ ޕްރެޒެންޓްކުރުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮށްއުޅޭ ކަމެއް ނަމަވެސް، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ބަލާނަމަ، މިއީ ފަހަރުގައި ޢާންމު ނޫން ކަމަކަށްވެދާނެއެވެ. ލަވަކިޔުމުގެ ފަންނުން ވަގުތީގޮތުން އެއްކައިރިކޮށްލުމަށްފަހު، ޓީވީ ޝޯވއެއް ޕްރެޒެންޓްކޮށްލުން ލިބުމަކީ ލަމް އަބަދުވެސް ކުރަމުން އައި އުއްމީދެކެވެ.

"އައިޑަލްގެ ޕްރެޒެންޓަރކަން ލިބުނީމަ ވަރަށް އުފާވި. ލަމްގެ ވަރަށް ބޮޑު ޑްރީމެއް އެއީ މިކަހަލަ ފްރެންޗައިޒް ޝޯވއެއް ހޯސްޓުކުރުމަކީ. ވަރަށް ޕޮޒިޓިވްކޮށް ކޮމެންޓްސް ހުރީ. ފެމިލީވެސް ވަރަށް ސަޕޯޓިވް. ފްރެންޑްސްވެސް ވަރަށް ރަނގަޅު" ލަމް ބުންޏެވެ.

ދެން އޮތީ ލަވަކިޔުންތެރިއަކަށް މިފަދަ ބޮޑު ޝޯވއެއް ހޯސްޓް ކުރެވިދާނެކަމާމެދު އާއްމުންގެ މެދުގައި އުފެދިފައިވާ ބަޙުސްގެ ވާހަކައެވެ. ރާއްޖޭގެ ޓީވީ ސްކްރީންތަކުން ޒުވާން މޫނުތަކަށް ފުރުޞަތު ދެވެންޖެހޭނެކަމަށް އެއްބަޔަކު ޤަބޫލުކުރާއިރު، އަނެއް ބަޔަކު ދަނީ މިކަމަށް ފާޑުކިޔައި، ދެކޮޅުވެސް ހަދަމުންނެވެ. މިކަމާމެދު ލަމްދެކެނީ ކިހިނެއްތޯ އަހަލާލުމުން އޭނާ ބުނީ، މިއީ އޭނާ ޕްރޮގްރާމެއް ޕްރެޒެންޓްކުރާ ފުރަތަމަ ފަހަރު ނޫންކަމަށެވެ. އަދި ގިނަ ބެލުންތެރިނަށް ނޭނގުނެއްކަމަކު، އައިޑަލްގެ ސީޒަން އެކެއްގައި، ބެކް ސްޓޭޖުގައި ޕްރޮޖެކްޓް ޓީމާއެކު ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާއަށް ލިބިފައިވުމަކީ، މިކަހަލަ ޝޯވއެއް ޕްރެޒެންޓްކުރުމުގައި އޭނާއަށް ލިބިގެންދާ ފައިދާއެއްކަމަށް ލަމް ކިޔައިދިނެވެ.

"ލަމް ދެކޭގޮތުގައި މިކަހަލަ މިއުޒިކް ޝޯވއެއްގައި ދޭތެރެ ދޭތެރެއިން ލަވަކިޔާލާ، ކުޑަކޮށް ނަށާލާ، ޝޯވއެއް ހޯސްޓުކުރަން ވަރަށް ރަނގަޅުކަމެއް ކަންނޭނގެ އާޓިސްޓުން. ރާއްޖޭން ބޭރުގައިވެސް ވަރަށް ބައިވަރު ޝޯވތަކުގައި އެބަހުރި ލަވަކިޔުންތެރިންވެސް ޝޯވ ހޯސްޓްކޮށްފައި. މީގެ އިތުރުންވެސް ލަމް ފާހަގަކޮށްލާނަން މީކީ ލަމްގެ ފުރަތަމަ ފަހަރެއްވެސް ނޫން ޝޯވއެއް ހޯސްޓްކުރާ. ލަމްގެ އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީވެސް ވީ.ޓީ.ވީގައި ޕާޓްޓައިމް ޕްރެޒެންޓަރެއްގެ ވަޒީފާ.. ލަމް ޤަބޫލުކުރަނީ އެހާ އުދަނގުލެއް ނުވާނެކަން މިކަން ކުރާކަށް. އެއީ ކުރިންވެސް އައިޑަލްގެ ޕްރޮޖެކްޓުގައި ބެކް ސްޓޭޖުގައި މުޅި ޓީމާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރިން" ލަމްހާ ކިޔައިދިނެވެ.

ކަންކަމުގައި މީހެއްގެ ހުރި މުރާލިކަމާއި ހުނަރާއި ފެންވަރާއި އަދި ފަންނުވެރިކަން ދެނެގަނެވޭނީ، އެ މީހަކު އެކަން ކޮށް ދައްކައިދިނުމުންނެވެ. އޭގެ ކުރިން އެމީހެއްގެ ފެންވަރު ވަޒަންކުރުމާއި ގޮތް ކިޔުމަކީ ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ. އޭގެ ކުރިން ހުންނާނީ ހީކުރުންތަކާއި އުންމީދުތަކެވެ. ލަމްގެ ހުނަރު މޯލްޑިވިއަން އައިޑަލްއިން ތަޖުރިބާކުރުން އޮތީ ކުރިޔަށެވެ.