ތަޢުލީމު

އޯލެވެލް އިމްތިޙާނުގައި ހަތްހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވޭ


ހަތްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މިއަދު ފަށްޓަވައިފިއެވެ.

މިއަހަރު ރާއްޖެއިން މުޅި ޖުމްލަ 7032 ދަރިވަރުން ޖީސީއީ އޯލެވެލް އިމްތިޙާނު އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާނެއެވެ. މި އިމްތިޙާނު ރާއްޖޭގެ 235 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. އޭގެތެރޭގައި ހިމެނެނީ އަމިއްލަ 41 ސެންޓަރާއި، 194 ސްކޫލެވެ. އޯލެވެލް އިމްތިޙާނު މިއަދު ފެއްޓެވިއިރު، މިއަދު އޮތީ އިސްލާމް މާއްދާއެވެ. މާދަމާ އޮންނާނީ ދިވެހި މާއްދާއެވެ. އަދި ހޯމަދުވަހު އޮންނާނީ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއެވެ.

މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އޭލެވް އިމްތިޙާނު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުގައި 334 ދަރިވަރުން ބައިވެރިވާނެއެވެ. އޭލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި 7066 ކުދިން ބައިވެރިވެފައިވެއެވެ.