ޚަބަރު

ގިނަ އަދަދެއްގެ ކަހަނބުފަތް އަތުލައިގެންފި


ތ.އަތޮޅު ބުރުންޏާއި މާލޭގައި ފުލުހުން ހިންގެވި އޮޕަރޭޝަނެއްގައި ގިނަޢަދަދެއްގެ ކަހަނބު ފަތް އަތުލައިގެންފިއެވެ.

ވެލަޔާއި ކަހަނބަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނޫގެ ދަށުން ޙިމާޔަތްކުރެވިފައިވާ ތަކެއްޗެކެވެ. މިތަކެތި ވިޔަފާރީގެ ބޭނުމަށް ނުވަތަ އަމިއްލަ އެއްވެސް ބޭނުމަކަށްނަމަވެސް ހިފައި ބޭނުންކުރުމަކީ މަނާކަމެކެވެ.

ފުލުހުން މިދިޔަ މަހުގެ 26 ވަނަ ދުވަހާއި 30 ވަނަ ދުވަހު ހިންގެވި އޮޕަރޭޝަންގައި ފުޅިމަދު ފޮށީގެ 26 ފޮށިގަނޑުގެ ކަހަނބު ފަތް އަތުލައިގެންފައިވެއެވެ. މިއަދު އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޒީން ވިދާޅުވީ ފުލުހުން ސެޕްޓެމްބަރު 26 ވަނަދުވަހު ބުރުނީގައި ހިންގެވި އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި 17 ފޮށިގަނޑު ކަހަނބު ފަތް ފެނިފައިވާކަމަށެވެ. އަދި އެއޮޕަރޭޝަނާ ގުޅިގެން 30 ސެޕްޓެމްބަރު ވަނަދުވަހު މާލޭގެ ގުދަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި 9 ފޮށިގަނޑުގެ ކަހަނބު ތޮށި ފެނިފައިވާކަމަށެވެ. އަދި މިކަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ ސުވާލުކުރައްވަމުން ގެންދަވާކަމަށާއި، މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރައްވާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

"މިމައްސަލައިގައި އެގޭ ވެރިފަރާތާ ސުވާލުކުރުމުން މިތަކެއްޗަކީ މާލޭގައި ހުންނަ ފިހާރައެއްގެ ގުދަނަކުން ގެނެސްފައިވާ ތަކެތިކަމަށް ބުނެފައިވާތީ ކޯޓް އަމުރެއްގެ ދަށުން އެގުދަން ބަލައި ފާސްކުރި. މިމައްސަލައިގައި ގުދަނާ ޙަވާލުވެ ހުރި ފަރާތާ ސުވާލުކުރުމުން  މިތަކެއްޗަކީ ބާޒާރުމަތީގައި ހިންގަމުން ދިޔަ ފިހާރަ ހުސްކުރަމުން ދަނިކޮށް އެފިހާރައިގެ ގުދަނުން ފެނިފައިވާ ތަކެތިކަމަށް ބުނެފައިވޭ." އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޒީން ވިދާޅުވިއެވެ.

ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ މިފަދަ ޢަމަލުތަކާއި، ޙިމާޔަތްކުރެވިފައިވާ ތަކެއްޗަށް ގެލުންދިނުމާ ގުޅޭ މަޢުލޫމާތު އަތޮޅުތަކުގެ އެކި ރައްރަށުން ފުލުހުންނަށް ހުށައެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުންގެ ސަދަން އޮޕަރޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ޗީޕް ސުޕްރިޑެންޑަންޓް މުޙައްމަދު ޝިހާން ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބައްލަވައި ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަޅުތަކުން މުރަކަ ނެގުމުގެ މައްސަލަތަކެއްވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފެންމަތިވެފައެވެ. މިމައްސަލަތައް ފުލުހުން ގެންދަވަނީ ތަޙްޤީޤްކުރައްވަމުންނެވެ.