ކުރިން ހުރިހާ ރައްޔިތުންނަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީ، ހަމައެކަނި ޙައްޤުވާ ފަރާތްތަކަށް ދެއްވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އިދިކޮޅު އެމް.ޑީ.ޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމް.ޑީ.ޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ސަރުކާރަށް ލިބޭ ޢާންމަދީ އެތައް ގުނައެއް އިތުރުވެފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް ކާޑުގެ ބާވަތްތަކުން ދެއްވާ ސަބްސިޑީ ކަނޑާލައްވަންވީ ސަބަބެއް ނެތްކަމަށާއި، މިކަމާ އެމް.ޑީ.ޕީން ކަންބޮޑުވާކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާއިރު މިކަމަކީ ރައްޔިތުންނަށް ލިބޭނެ ދެރައަކަށް ވާނެކަމަށް ސިފަކުރެއްވިއެވެ.
ކާޑުން ސަބްސީޑީ ކަނޑާލެއްވި ކަނޑާލެއްވުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކުރައްވައި އެމް.ޑީ.ޕީން މަސައްކަތް ކުރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަށް ޤަރާރެއް ހުށައަޅުއްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުއްލިގޮތަކަށް ކާޑުގެ ސަބްސިޑީ ކަނޑުއްވާލެއްވި ކަމަށް ބުނެ އެމް.ޑީ.ޕީން ވަނީ އެކަމާވެސް ކަނބޮޑުވުން ފާޅުކޮށްފައެވެ.
ކާޑުގެ ސަބްސިޑީ ކުރިން ދެއްވަމުން ގެންދެވީ ސަބްސިޑީ ޙައްޤުވާ މީހުންނާއި ނުވާ ނުވާ މީހުން ވަކިކުރެއްވުމެއް ނެތި ރާއްޖޭގައި އުޅޭ އެންމެންނަށެވެ. އެހެންނަމަވެސް އެމް.ޑީ.ޕީން ބުނީ ސަރުކާރުން ވިދާޅުވާ ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކަމަށް ބުނާ ފަރާތްތަކަކީ ކޮބައިކަން ސާފުކޮށްދެއްވާފައި ނުވާކަމަށެވެ.