ޚަބަރު

ސަބްސިޑީ ދޫކުރެވޭނީ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު- އެންސްޕާ


ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި އެހީދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެ ފަރާތަކަށް ލިބޭ ޢާމްދަނީއާއި، ދިރިއުޅުމުގެ ފެންވަރުވެސް ވަޒަންކުރެއްވުމަށް ފަހުކަމަށް އެއޭޖެންސީން ވިދާޅުވެއްޖެއެވެ.

ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރައްވާ ޚަރަދުގެ މަންފާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޫކުރައްވާ އުޞޫލްތައް އަލުން މުރާޖަޢާކުރައްވައި އެ އުޞޫލްތަކަށް ޢަމަލުކުރައްވަން މިވަނީ ފަށްޓަވާފައެވެ. މިގޮތުން ކާޑްގެ ބާވަތްތަކުން ސަބްސިޑީ ޙައްޤުވާ ފަރާތްތައް ކަނޑައަޅުއްވައި އެފަރާތްތަކަށް ސަބްސިޑީ ދޫކުރައްވާނީ ރައްޔިތުންނަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވާ ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީންނެވެ. މިގޮތުން ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތީގެ ތެރެއިން ކާޑުގެ ބާވަތްތައް ގަތުމަށް ސަރުކާރުން ދެއްވާ މާލީއެހީއަށް އެދުމުގެ ފުރުޞަތު މިދިޔަ އެޕްރީލް މަހުން ފެށިގެން ވަނީ ޢާންމުކޮށް ހުޅުއްވާވާލައްވާފައެވެ.

ސަބްސީޑީގެ ގޮތުގައި މަހަކަށް ލިބޭނީ  ބޮލަކަށް 40 ރުފިޔާ، އަދި ގޭބިސީއަކަށް 140 ރުފިޔާއެވެ. އަހަރެއްގެ މައްޗަށް ބަލާއިރު، މިއީ ބޮލަކަށް 480 ރުފިޔާއެވެ. ގޭބިސީއަކަށް 2880 ރުފިޔާއެވެ. މިފައިސާ ޖަމާކުރާނީ ގޭބިސީން ކަނަޑައަޅާ ވަކި އެއްފަރާތުގެ ބޭންކް އެކައުންޓަށެވެ.

އެންސްޕާގެ އެސިޓެންޓް ޑިރެކްޓަރ އަފްރާޙް ނަޢީމް ވިދާޅުވީ، ކާޑް ސަބްސިޑީ ދެއްވާއިރު، ބައްލަވަނީ އެ މީހަކަށް ލިބޭ ޢާމްދަނީގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ދެނެގަތުމައްޓަކައި ހުށައަޅާ ފޯމްގައިވާ ކަންކަމަށް ބެލުމަށްފަހުކަމަށެވެ. ސަބްސިޑީއަށް އެދި ފޯމްހުށައަޅާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ފޯމްހުށައެޅި ފަރާތަށް ޖަވާބު ދެއްވާނެކަމަށާއި، ޝަރުތު ހަމަވާ މަހުން ފެށިގެން ފައިސާ ޖަމާކުރަމުންދާނެކަމަށް އަފްރާޙް ވިދާޅުވިއެވެ.

ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމް އެންސްޕާގެ ކައުންޓަރުންނާއި، އެއެޖެންސީގެ ވެބްސައިޓް www.nspa.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމަށާއި މީގެ އިތުރުން ރަށްރަށުގެ ރަށު ކައުންސިލްތަކުންވެސް ލިބެން ހުންނާނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.