ތަޢުލީމު

ސްޓެޕް އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ސަރުކާރުން ހިންގަވާ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު ޔޫތް މިނިސްޓްރީން އިތުރުކުރައްވައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަވާ ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން އިސްނަންގަވައިގެންނެވެ.

ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ، ކެރިއަރ ގައިޑެންސް އޮފިސަރ ރައިހާނާ ޢަބްދުﷲ ވިދާޅުވީ، ސްޓެޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 6 ވަނަ ދުވަހާ ހަމަޔަށް އިތުރުކުރައްވާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ ވީހާވެސް ގިނަ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. މި ޕްރޮގްރާމްގައި ޢާންމުކޮށް ބައިވެރިންވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ.

"6-12 މަންތްސް ހޭދަކުރާނެ، ވަޒީފާގައި ތިބިގެން ޓްރޭނިންގ ފުރިހަމަކުރާނީ. އެ ނިންމާފައި އިންނާނެ އެސެސްމަންޓެއް، އޭގެއިން ފާސްނުވާ ކުއްޖަކަށްސް ދެވަނަ ފުރުޞަތެއް ލިބިގެންދާނެ." ރައިހާނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ސްކޫލް މަރުޙަލާގައި ދަށް ނަތީޖާ ލިބޭ ކުދިންގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށް، އެފުރުޞަތު ފަހިކޮށްދެއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ގްރޭޑް ހަތެއް ފުރިހަމަކޮށްފައި ވުމާއެކު އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ ކޮންމެ ޒުވާނަކަށް ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރިސޯޓްތަކުގައި އެއްއަހަރާ ހަމަސްދުވަހުގެ މުއްދަތަކަށް ޒުވާނުން މަސައްކަތުގެ ތަޖުރިބާއާއި ހުނަރު ދަސްކުރާނެއެވެ. އޭގެތެރޭގައި ފުޑް އެންޑް ބެވަރޭޖާއި، ހައުސް ކީޕިންގއާއި، ރެކްރިއޭޝަން ފަދަ ދާއިރާތަކުން ރިސޯޓްތަކުގައި ތިބެގެން ޒުވާނުންނަށް ހުނަރު ދަސްކޮށްދެވޭނެކަމަށް ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން ވިދާޅުވެއެވެ.

މިއީ މި ޕްރޮގްރާމްގެ 4 ވަނަ ބުރެވެ. 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަވާ ސްޓެޕް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުކުރައްވައި ވަޒީފާގެ ބާޒާރަށް ނެރުއްވާފައިވެއެވެ.