ޚަބަރު

އީރާނާއި އެމެރިކާއިން މަޝްވަރާގެ ދެވަނަ ބުރަކަށް؟


އީރާނާ ދެކޮޅަށް ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރެއް ބާއްވަން ދެ ޤައުމުގެ މަންދޫބުން ތައްޔާރުވަމުންދާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނު މެދުކަނޑާލައި، ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެއްބަސްވީ، މި މަހުގެ 2 ވަނަ ދުވަހުއެވެ.

އޭގެފަހުން، މިދިޔަ ހަފްތާ ބަންދުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ މަންދޫބުން ވަނީ ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ އީރާނުން ވަނީ ހުރްމުޒްގެ ބާރު ދިނުމަށާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭ ގޮތަށް ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން އީރާނަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓައިލުން ހިމެނެއެވެ.

ނަމަވެސް، ދެ ފަރާތުގެ މެދުގައި ހުރި ޚިލާފުތަކަށް ޙައްލެއް ނުލިބި، އެ މަޝްވަރާތައް ނިންމައިލީ ސުލްޙައިގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ނާދެވިއެވެ.

އެކަމުގެ ނުރުހުމުގައި އެމެރިކާއިން ވަނީ އީރާނުގެ އެއްވެސް ބަނދަރަކުން އުޅަނދުތައް ފުރުން މަނާކޮށް، އީރާނު ކަނޑުމަގުން ވަށައިގެން ބަންދުކޮށްފައެވެ.

އެއާއެކު، ދެ ފަރާތުން އަނެއްކާވެސް ޙަމަލާތައް ބަދަލުކުރަން ފެށުމުގެ ބިރު ބޮޑުވެފައިވީނަމަވެސް، އީރާނުގެ އިސް އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، މި ހަފްތާ ބަންދުގައި އެނބުރި އިސްލާމްއާބާދަށް މަންދޫބުން ވަޑައިގެން، މަޝްވަރާތައް ފެށުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

މިގޮތުން، މަޝްވަރާގެ މޭޒަށް މަންދޫބުން އަލުން ފޮނުވުމުގެ ހުށަހެޅުމެއް އީރާނުގެ އިތުރުން އެމެރިކާގެ ސަރުކާރާ ވެސް މިހާރު ޙިއްޞާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްވަރާގެ ދެވަނަ ބުރު ބާއްވާނެ ސީދާ ތާރީޚެއް އަދި ނިންމާފައިނުވި ނަމަވެސް، ދެ ޤައުމުގެ މަންދޫބުން ވެސް މި ހަފްތާ ބަންދު ހުސްކޮށްގެން، އިސްލާމްއާބާދަށް އެނބުރި ވަޑައިގެންނެވުމަށް ތައްޔާރުވެގެން ތިއްބެވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.