ޚަބަރު

ފެބްރުވަރީގައި ނުކުޅުދުންތެރިކަން ހުންނަ 14،993 މީހުންނަށް މާލީ އެހީ!


  • މިކަމަށް ޖުމްލަ 54,842,000 ރުފިޔާ ވަނީ ޚަރަދުކޮށްފައި

  • މިހާތަނަށް ދަފްތަރުގައި 15,280 މީހުން ރަޖިސްޓްރީކޮށްފައިވޭ

ފެބްރުވަރީ މަހު ނުކުޅެދުންތެރިކަން ހުންނަ 14,993 އަށްވުރެ ގިނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، މިދިޔަ ޑިސެންބަރު މަހުގެ ތަފާސްހިސާބާއި އަޅާކިޔާއިރު 993 މީހުންގެ އިތުރުވުމެކެވެ. ޑިސެންބަރު މަހު މާލީ އެހީތެރިކަން ދީފައިވަނީ، 14،000 މީހުންނަށެވެ.

އެންސްޕާއިން ދެމުންގެންދާ އިޖުތިމާއީ އެކިއެކި އެހީތަކުގެ އެންމެފަހުގެ ތަފާސްހިސާބުތައް އެ އެޖެންސީން މިއަދު ވަނީ އާންމުކޮށްފައެވެ. އޭގެތެރޭގައި ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ ތަފްސީލުގެ އިތުރުން ފަޤީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީތެރިކަމުގެ ތަފްސީލު ހާމަކޮށްފައިވެއެވެ.

އެ އިދާރާއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި ޖުމްލަ 15,280 ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަލަށް ރަޖިސްޓްރީ ކޮށްފައިވަނީ 62 މީހުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ޖުމްލަ ޚަރަދު ވަނީ، 54,842,000 ރުފިޔާއަށް އަރާފައެވެ.

މީގެއިތުރުން ފަޤީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީގެ ދަށުން 706 ފަރާތަކަށް އެހީ ދީފައިވެއެވެ. މި އެހީއަށް އަލަށް 6 ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މިކަމަށް ޖުމްލަ 26,040 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީގެ ތަފްސީލުވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން މި އެހީ ލިބޭ 101 ބެލެނިވެރިއަކާއި، 137 ކުޑަކުދިން ތިބި ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި ބައިން އަލަށް އެކަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އެހީގެ ގޮތުގައި ޖުމްލަ 187,500 ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ފުރުސަތުތަކާއި، ކަރާމާތާއި، ރައްކާތެރިކަން ފޯރުކޮށްދީ ފަހި މުޖުތަމަޢުއެއް ޤާއިމުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.