ވޯލްޑްކަޕަށް ތައްޔާރުވާ ގާނާގެ ގައުމީ ކޯޗުކަން ތަޖުރިބާކާރު ކޯޗު ކާލޮސް ކީރޯޒަށް ދީފި އެވެ.
އުމުރުން މިހާރު 73 އަހަރުގެ ކޯޗަށް މަގާމު ދިނީ ގާނާގެ ކޯޗުކަން މިހާތަނަށް ކުރަމުން އައި އޮޓޯ އައްޑޯ މިދިޔަ މަހު މަގާމުން ދުރު ކުރުމަށްފަހު އެވެ.
ވޯލްޑް ކަޕުގައި ގާނާ ހިމެނެނީ އިނގިރޭސީންނާ އެއް ގްރޫޕެއްގަ އެވެ. ދެ ފަހަރެއްގެ މަތީން މެންޗެސްޓާ ޔުނައިޓެޑްގައި ސާ އެލެކްސް ފާގަސަންގެ އެހީތެރިއަކަށް އަދި އަހަރެއްހާ ދުވަހު ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ކީރޯޒް އެންމެ ފަހުން ހުރީ އޮމާނުގެ ކޯޗުކަމުގަ އެވެ.
"އަހަރެން މިކަމާ ހަވާލުވީ އަހަރެންގެ ކެރިއަރުގައި މީގެ ކުރިން ވެސް ޓީމުތަކާ ހަވާލުފަދަ ރޫހެއްގައި. ގާނާ އަކީ ތަރިން ތިބި ތަނެއް. ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ގައުމެއް،" އެފްރިކާގެ މޮޒަންބީކަށް އުފަން ކީރޯޒް ބުންޏެވެ.
ވޯލްޑް ކަޕުގައި އިރާނަށް ވެސް ކުރިން ކޯޗުކޮށްދިން ކީރޯޒް ވަނީ ޖަޕާނާއި މިސުރާއި ދެކުނު އެފްރިކާ އާއި ކޮލަމްބިއާ އާއި ޕޯޗުގަލް އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ވޯލްޑް ކަޕުގައި ގާނާގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 17 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށެވެ. އިނގިރޭސީންނާ ދެކޮޅަށް ކުޅޭނީ ޖޫން 23 ވަނަ ދުވަހު އަދި ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭނީ 27 ވަނަ ދުވަހު އެވެ.