ޚަބަރު

ޤައުމީ ޓީމުގެ 8 ކުޅުންތެރިއަކު ނިއުއިން ފެންނާނެ: މުބީން


  • ޤައުމީ ޓީމުގެ ފަސް ކުޅުންތެރިންއަކި މިހާރުވެސް ނިއުގެ ސްކޮޑުގައި ހިމެނޭ

  • އަންނަ ސީޒަނަށް ނިއުއިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން

އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރަން ނިންމާފައިވާ ބައެއް ކަންކަން، އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ހާމަކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމުމަކާ ގާތްވެފައިވާއިރު، އަންނަ ސީޒަނަށް ޓީމުތަކުން ވާނެ ތައްޔާރީތަކާ ގުޅޭގޮތުން އަދި ކުލަބުތަކަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކާ ގުޅޭގޮތުން އެ ޓީމުތަކުގެ ވެރިން އަންނަނީ މަޝްވަރާކޮށް، ގޮތް ނިންމަމުންނެވެ.

މި މަސައްކަތުގައި ނިއުއިން ވެސް ޝާމިލުވެ އުޅޭއިރު އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ އޭގެއިން ބައެއް ކަންކަން "ޕީއެސްއެމް ނިއުސް" އާ ވެސް ހިއްސާކުރައްވައި، ބައެއް ކަންކަން މީސްމީޑިއާގައި ވެސް އާންމުކުރައްވާފައެވެ.

އެގޮތުން އެންމެ ފާޙަގަކޮށްލެވޭ އެއްކަމެއްގެ ގޮތުގައި މުބީން ހިއްސާކުރެއްވީ، އަންނަ ސީޒަނުގައި އެ ކުލަބުގެ ސްކޮޑުގައި، ޤައުމީ ސްކޮޑުގައި ހިމެނޭ 7 ނުވަތަ 8 ކުޅުންތެރިން ހިމެނޭނެ ކަމެވެ. މިއީ ނިއުއިން އެ ކުލަބުގެ ހަގީގީ މަގާމަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުބީން ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިއުގެ މިހާރުގެ ސްކޮޑުގައި ވެސް، އެންމެފަހުން އެކުލަވާލި ޤައުމީ ސްކޮޑުގައި ހިމެނުނު ފަސް ކުޅުންތެރިން އެބަ ތިއްބެވެ، އެއީ އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ކީޕަރު މުޙައްމަދު ފައިސަލް، މުޙައްމަދު އިރުފާން އަދި މުޙައްމަދު ނިޒާމެވެ.

މުބީން ވަނީ، ނިއުއަށް ކުޅުންތެރިން ގެނައުމުގައި އެ ކުލަބުގެ މެނޭޖްމަންޓުން އިސްކަންދޭނެ ބައެއް ކަންކަން ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރިވެލި އަޚްލާގާއި، ޓީމްވޯކް ނުވަތަ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޚާއި ކުލަބުގެ ސަޕޯޓަރުންނަށް އިޚްތިރާމް ހޯދައިދެވޭނެފަދަ ކުޅުންތެރިންތަކަކަށް، ނިއުއަށް ގެންނަ ކުޅުންތެރިން ވާންޖެހޭނެކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ، ނިއުގެ މެނޭޖްމަންޓުގެ އަމާޒަކީ، އެ ކުލަބުގެ ސަޕޯޓަރުން ފަޚުރުވެރިވާފަދަ ވަރުގަދަ ޓީމެއް ބިނާކުރުން ކަމަށެވެ.

ޓީމުވަރުގަދަކުރަން ކުރާ މަސައްކަތުގައި ނުކުރާނެ ބައެއް ކަންކަން ވެސް މުބީން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، ނިއުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަކުރަން، މާޒިޔާގެ ކުޅުންތެރިއަކު ގެނައުމުގެ ޝައުގުވެރިކަން ނެތްކަމަށް މުވީން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ޒުވާން ޤައުމީ ޓީމާއި ސީނިއަރ ޤައުމީ ޓީމުގެ ވެސް އުއްމީދީ ތަރި، އީތަން އިބްރާޙީމް ޒަކީގެ ސޮއި ހޯދުމަށް ވެސް ނިއުއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސަސްޕެންޝަނުން ސަލާމަތްވެ އަލުން ފުޓުބޯޅައިގެ ތެރެއަށް އައިސް، ދެވަނަ ޑިވިޝަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ނިއުރޭޑިއަންޓް އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ މި ފަހަރުގެ ސީޒަނުގައެވެ. ސީޒަންގެ ދިވެހި ލީގު މިހާރު ނިމިފައިވާއިރު ލީގު ތާވަލުގައި ނިއުއަށް ލިބުނީ ތިންވަނައެވެ. އެފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލާ ހަމައިން ނިއު ވަނީ ކަޓާފައެވެ.

މި ސީޒަން ނިންމާލުމުގެ ކުރިން ނިއުއަށް ހޯދެން އޮތް ހަމައެކަނި ކާމިޔާބީއަކީ، މިހާރު ކުރިއަށްދާ އެފްއޭ ކަޕެވެ. އެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ނިއުއިން ވަނީ ހަގީގީ ފެންވަރު ދައްކާލައި، ވަރުގަދަ އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 0-4 އިން ކުރިހޯދައި، ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ. ސެމީގައި ނިއު އިން މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ، ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.