ޚަބަރު

ލުބުނާނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރެޑް ކްރޮސްގެ ކަންބޮޑުވުން


ލުބުނާނުގެ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާމެދު ރެޑް ކްރޮސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު، ލުބުނާނުގެ ޙިޒްބުاللهއިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އޭގެ ކުރިން ވެސް ޔަހޫދީން ދިޔައީ ލުބުނާނަށް ޙަމަލާތައް ދެމުންނެވެ. ނަމަވެސް ހަނގުރާމައިގެ ތެރޭގައި ޔަހޫދީން ލުބުނާނަށް ދެމުންދިޔަ ޙަމަލާތައް ވަނީ އެތައް ގުނަޔަކަށް އިތުރުކޮށްފައެވެ. ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 2000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މިލިޔަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ޔަހޫދީން ވަނީ ލުބުނާނުގައި ހުންނަ ރެޑް ކްރޮސްގެ މަރުކަޒަކަށް ވަރުގަދަ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ރެޑް ކްރޮސްގެ ދަރުމަވެރިއެއް ވަނީ ޝަހީދުވެފައެވެ. އެ ޙަމަލާގައި ރެޑް ކްރޮސްގެ ގިނަ ޢަދަދެއްގެ އުޅަނދަށް ވެސް ގެއްލުން ލިބިފައިވެއެވެ.

ލުބުނާނުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ރެޑް ކްރޮސް ކޮމިޓީ، އައިސީއާރުސީގެ ވަފުދުގެ އިސްވެރިޔާ، އެގްނެސް ދޫރު ވިދާޅުވީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މުޅި އުމުރު ހުސްކޮށްލާ ބައެއްގެ ފުރާނަ ގެއްލުވައިލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ މީހުން ކުރާ މަސައްކަތުގެ ހެޔޮ އަސަރު، އެ ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމުގެ މައްޗަށް ބަރޯސާވާ ޢާންމުންނަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންސާނީ މަސައްކަތްކުރާ މީހުންނާއި ޞިއްޙީ މަސައްކަތްތައް ކުރާ މީހުން ރައްކާތެރިކުރަން ޖެހޭ ކަމަށާއި، ޒަޚަމްވެފައިވާ މީހުންގެ ކައިރިއަށް ގޮސް އެ މީހުންނަށް ނުރައްކަލެއް ނެތި ފަރުވާ ދިނުމުގެ ފުރުޞަތު ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.