ޚަބަރު

"ޞައްޙަ މަޢުލޫމާތު ހާމަކޮށްގެން ނޫސްވެރިންނާމެދު ފިޔަވަޅުނާޅާނެ"


ދައުލަތުގެ މަތީ މަޤާމުތަކުން ފެށިގެން އެންމެ އާދައިގެ މަޤާމުތަކާ ދެމެދުގެ މަޤާމުތަކުގައި ތިބޭ ފަރާތަކާ ގުޅޭގޮތުންވެސް ޞައްޙަ މަޢުލޫމާތެއް ހާމަކޮށްގެން އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ނޫސްވެރިއަކާމެދު ފިޔަވަޅެއް ނާއަޅުއްވާނެކަން މިއަދު ހާމަވެ، ޔަޤީންވެފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުން، ޞައްޙަ މަޢުލޫމާތު ހާމަނުކުރެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އައިނަމަވެސް ޤާނޫނަށް އަމަލުކުރަން ފެށިފަހުންވެސް ޚަބަރުފަތުރާ އިދާރާތައް ބަރާބަރަށް ހިންގަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަޢުލޫމާތު ލިބުމުގެ ޙައްޤު ކަށަވަރު ވުމާއެކު ރާއްޖޭގައި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުވެސް ކަށަވަރުވެގެންދާ ކަމަށެވެ.

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އައުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ މަސަކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޤާނޫނާއެކު، ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުފައިވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.