ތަޢުލީމު

އޯލެވެލް އިމްތިޙާނު މާދަމާ ފެއްޓެވުމަށް ޑީޕީއީން ތައްޔާރުވެއްޖެ


ހަތްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މާދަމާ ފެއްޓެވުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްޔާރުވެވަޑައިގެންފިއެވެ. އޭލެވެލް އިމްތިޙާނުވެސް މިފަހަރު ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ އޯލެވެލް އިމްތިޙާނާ އެއް ދުވަސްވަރެއްގައެވެ. މިއަހަރުގެ އޯލެވެލް އިމްތިޙާނާއި، އޭލެވެލް އިމްތިޙާނު އެއްދުވަސްވަރެއްގައި ބޭއްވެވުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.

މިއީ ރާއްޖޭގައ އޯލެވެލްއާއި އޭލެވެލް އިމްތިޙާނު އެއްދުވަސްވަރެއްގައި ބާއްވަވާ ފުރަތަމަ ފަހަރެވެ. މި ދެ އިމްތިޙާނު އެއްދުވަސްވަރެއްގައި ބޭއްވެވުމަށް އެޑިއުކޭޝަނުން ހަމަޖައްސަވައިފައި މިވަނީ ކޭމްބްރިޖާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މިއަހަރު ރާއްޖެއިން މުޅި ޖުމްލަ 7،032 ދަރިވަރުން ޖީސީއީ އޯލެވެލް އިމްތިޙާނާއި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާނެއެވެ. މި އިމްތިޙާނުތައް 235 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. އޭއީ އަމިއްލަ 41 ސެންޓަރާއި، 194 ސްކޫލެއްގައެވެ. މީގެ އިތުރުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައިވެސް އެސްއެސްސީ އިމްތިޙާނުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. ކޮލަމްބޯގައި 12 ކުއްޖަކު އެސްއެސްސީ އިމްތިހާނުގައި ހަދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ހުރިހާ ސެންޓަރުތަކެއްގައި އިމްތިޙާނު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މީގެ އިތުރުން އޭލެވް އިމްތިޙާނު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުގައި 334 ދަރިވަރުން ބައިވެރިވާނެއެވެ. އޭލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

މިއަހަރު އޯލެވެލް އިމްތިޙާނާއި އޭލެވެލް އިމްތިޙާނު ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވަނީ ފުރިހަމަޔަށް ތައްޔާރު ވެވަޑައިގެންފައެވެ. އިމްތިޙާނު ބޭއްވެވުމަށްޓަކައި އިދާރީ ގޮތުން ކުރައްވަންޖެހޭ އެންމެހާ ތައްޔާރީތައް ވެނިމިފައިވާ ކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި 7،066 ކުއްޖަކު ބައިވެރިވިއެވެ.