ޚަބަރު

ދިވެހި ޕްރިންސިޕަލުން އިތުރުކުރުމަށް ހިންގި މަސައްކަތު


ސްކޫލްތަކުގައި މަސައްކަތް ކުރައްވާނެ ދިވެހި ޕްރިންސިޕަލުންގެ ޢަދަދު އިތުރުކުރެއްވުމުގެ މަޤްސަދުގައި މެލޭޝިއާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާރސިޓީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ހިންގި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

"ވަރކްޝޮޕް އޮން ޕާރސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑަރސް" ނަމުގައި ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި އއ އަތޮޅާއި އދ އަތޮޅާއި ޅ އަތޮޅާއި ވ އަތޮޅާއި ކ އަތޮޅާއި މާލޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ 33 ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން އަދި ޓީޗަރުން ބައިވެރިވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދެއްވައެވެ.

މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 115 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އާއި ޔުނިޓާ ޔުނިވާރސިޓީއާއި އެޤައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް، ހިންގުމުގެ ދާއިރާއާއިބެހޭ ތަޖުރިބާއާއި މައުލޫމާތު ހޯދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.