ޚަބަރު

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް އޭ.ސީ.ސީން ހާޞިލުކޮށްފި


އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފުރަތަމަ ފަހަރަށް ހޮވާ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ހާޞިލުކުރައްވައިފިއެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ވެބްސައިޓްތައް ދަރަޖަކުރެއްވި ކުރެއްވުމުންވެސް 1 ވަނަ ދަރަޖަ ހަމައެކަނި ލިބިފައިވާ މުއައްސަސާއަކީ އެންޓިކޮރަޕްޝަން ކޮމިޝަނެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ބައިނަލް އަޤްވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބޭއްވެވި ޙަފްލާގައި 2015 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް ހޮވުނު އެންޓިކޮރަޕްޝަން ކޮމިޝަނަށް އެކަމުގެ އެވޯޑް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދެވެ. img:http://s3.psmnews.mv/images/660x400/14752293057593.jpg|މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މުއައްސަސާތަކުގެ މައުލޫމާތު ހާމަކުރުމުގެ އެންމެ ދަށް މިންގަނޑަށް ބައްލަވައިގެން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން މުއައްސަސާތަކުގެ ވެބްސައިޓްތައް ދަރަޖަ ކުރެއްވި ކުރެއްވުމުންވެސް އެއްވަނަ ހޯދާފައިވަނީ، ނަޒާހަތްތެރިކަމަށް ގޮވާލާ އަދި ކޮރަޕްޝަނާ ދެކޮޅަށް މަސަކަތްކުރާ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވާފައިވަނީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ފަސޭހަކަމާއެކު އާންމުފަރާތްތަކާއި އެހެނިހެންވެސް ފަރާތްތަކަށް އެ މުއައްސަސާއެއްގެ މަސަކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ތަންތަނަށް ބައްލަވައިގެންނެވެ. މުއައްސަސާތަކުގެ ވެބްސައިޓްތައް ދަރަޖަކޮށްފައިވަނީ، މިނިވަން މުއްސަސާތަކުގެ މެންބަރުން ހިމަނައިގެން އުފައްދަވާފައިވާ ޚާއްސަ ފަރާތްތަކުން ޖަޖުކޮށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ކަނޑައެޅުއްވި އިންސައްތައެއް ހާސިލުކުރެއްވި އިދާރާތައް 3 ދަރަޖައަކަށް ބަހާލައިގެންނެވެ. ދަރަޖަކުރުމުގައި ދައުލަތުގެ މުހިންމު ގިނަ މުއައްސަސާތައް ހިމެނުނީ 3 ވަނަ ދަރަޖާގައެވެ. މިހަފްލާގައި މުއައްސަސާތަކުން އެންމެ ފާހަގަކުރެވުނު މަސައްކަތްކުރި އިންފޮމޭޝަން އޮފިސަރުވެސް ހޮވާފައިވެއެވެ. އެންމެ ހިންގުންތެރި އިންފޮމޭޝަން އޮފިސަރަކަށް ހޮވުނީ، އެޑިއުކޭޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރެވެ. img:http://s2.psmnews.mv/images/660x400/14752293279900.jpg|މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ގޮތްނޭނގޭ ކަންތައްތަކެއް ވާނަމަ އެއީ އެތަނެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހުރުމުގެ އިޝާރާތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މުދަލާއި ފައިސާއިން ޚަރަދުކުރާގޮތް އެރައްޔިތުންނަށް އިންގެންވާނެ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދައުލަތުގެ މުއައްސަސާތައް ދަރަޖަކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވެބްސައިޓްތަކުގެ އިތުރުން މިހާރު އާންމުކޮށް ބޭނުންކުރެވޭ ސޯޝަލް މީޑިއާގެ ވަސީލަތްތަކަށްވެސް ބެއްލެވުން މުހިންމުކަމުގައި ވިދާޅުވިއެވެ. މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޯދި ފަރާތަށް މަރުޚަބާ ވިދާޅުވެ ވާހަކަފުޅުދައްކަވަމުން، އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، އެ އޮފީހުގެ އަމާޒަކީ ހުރިހާ ފަރާތްތަކުންވެސް ޤާނޫނުގައި ބުނާ މިންވަރަށް އަމިއްލައަށް އިސްނަންގަވައިގެން މައުލޫމާތު ހާމަކުރަމުން ދިޔުންކަމަށެވެ.

މި ހަފްލާގައި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނާގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިންވެސް އެންމެ ރަނގަޅު ކަމަށް ފާހަގަކުރެވުނު ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.