އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި ޙަމަލާތައް މެދުކަނޑައިލަން މިހާރު އެއްބަސްވެފައިވީނަމަ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ހަނގުރާމައިގެ ކުރިން ހުރި ޙާލަތަށް ރުޖޫޢަވާން އެތަކެއް މަހެއް ނަގާނެކަމަށް މާހިރުން ލަފާކުރައްވައިފިއެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދޭން ފެށި ނިރުބަވެރި ޙަމަލާތަކުގެ ދިފާޢުގައި، އީރާނުން ވަނީ މެދުއިރުމަތީގެ ތެލާއި ގޭހުގެ 20 އިންސައްތަ ބޭރުކުރާ މައި މަގުކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އަދި، އެމެރިކާ އާއި ޔަހޫދީންނަށް ވާގިވެރިވާ ގަލްފުގެ ޤައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
އެއާ އެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ.
އޭޕްރިލް 8 ވަނަ ދުވަހު ދެ ފަރާތުން އިޢުލާނުކުރި ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އޮތީ ޝަރުޠުކޮށްފައެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލާފައި ނެތުމުން އީރާނުން ވެސް ވަނީ ހުރްމުޒް އަލުން ހުޅުވައިލުމުގައި ފަސްޖެހިފައެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވައިލިޔަސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް އަވަހަކަށް ދަށަކަށް ނުދާނެކަމަށް މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ދުނިޔޭގެ ބާޒާރަށް ހެޔޮ އަސަރެއް ކުރާނީ، އެއްވެސް ހިފެހެއްޓުމެއްނެތި އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުޞަތު ލިބިގެންކަމަށް މާހިރުން ވިދާޅުވެއެވެ.
ހަނގުރާމައިގެ ކުރިން، ދުވާލެއްގެ މައްޗަށް 120 އާއި 140 އާ ދެމެދުގެ އަދަދަކަށް މުދާ އުފުލާ އުޅަނދުތައް ދިޔައީ ހުރްމުޒް ހުރަސްކުރަމުންނެވެ. ނަމަވެސް، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވެސް އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ 12 އުޅަނދެވެ.
މީގެއިތުރުން، ހުރްމުޒް ހުރަސްކުރާ އުޅަނދުތަކުން އިތުރު ދެ މިލިއަން ޑޮލަރުގެ ފީ އެއް ނަގަން އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެކަމުގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް ތިރިނުވެ، މިހާރު ހުރި މިންވަރުގައި ހުރުމުގެ ކަންބޮޑުވުންވެސް ބޮޑެވެ.
ދުނިޔޭގެ ބާޒާރަށް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދު ކުރިއެރުން މަޑުޖެހޭނެކަމަށް ދުނިޔޭގެ މާލީ އިދާރާ، އައިއެމްއެފުން ވެސް ވަނީ ލަފާކޮށްފައެވެ.