ސިއްހަތު

ބޮޑެތި ބަލިތަކަށް މެޑިކަލް ޗެކްއަޕް އޭޑީކޭއިން ތަޢާރަފްކޮށްފި


ބޮޑެތި ބަލިތަކަށް ޚާއްޞަކޮށް، އޭޑީކޭ ހޮސްޕިޓަލުން މުޅިން އަލަށް، 8 މެޑިކަލް ޗެކްއަޕް ތަޢާރަފްކޮށްފިއެވެ.

އޭޑީކޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕެކޭޖްތަކާ ގުޅޭގޮތުން މަޢުލޫމާތުދެމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މި 8 ޕެކޭޖުގެ ސަބަބުން ރާއްޖެއިން ބޭރަށް ޚިދުމަތް ހޯދަންދާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި، މި ޕެކޭޖްތަކުގެ ދަށުން ވީހާވެސް ހެޔޮ އަގުތަކެއްގައި، އަދި، ވީހާވެސް ފަސޭހައިން ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އަފްޢާލް ވިދާޅުވިއެވެ.

"މި އަށް މެޑިކަލް ޗެކަޕް ހަދަން ފަސޭހަ ގޮތެއް ހެދުމަށް ނިންމާފައިވޭ. އެގޮތުން އެ ފަރާތްތަކަށް މިތަނުން މަގު ދައްކައިދޭނެ ހާއްސަ މީހުން ތިބޭނެ. ހޮސްޕިޓަލަށް އައުމުން ކިއުގައި ނުޖެހި ޗެކަޕް ހެދުމުގެ އިންތިޒާމް ހަމަޖައްސައިދީ އެކަން ވަގުތުން ކުރިޔަށް ގެންދެވޭނެ" - އަޙުމަދު އައްފާލް

އަފްޢާލް ވިދާޅުވީ މި ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ކަމަށާއި، މީގެ ކުރިން އޭޑީކޭއިން ތަޢާރަފްކޮށްފައިނުވާ ގިނަ ޓެސްޓްތަކެއްވެސް މި ޕެކޭޖްތަކުގައި ހިމެނޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ޗެކަޕްތަކުގެ ތެރޭގައި ކެންސަރު ބައްޔާއި، ކުޅިވަރު ކުޅޭ މީހުންނަށް ޚާއްޞަ ޕެކޭޖްތަކާއި، ހަކުރު ބައްޔާއި، ތެލެސީމިއާ އަދި އަންހެނުންނާއި ދުވަސްވީ މީހުންނަށް ޚާއްޞަ ޕެކޭޖްތައް ހިމެނޭކަމަށް އޭޑީކޭއިން މަޢުލޫމާތުދެއެވެ.