ޚަބަރު

ރާއްޖޭގެ ހޭންޑްބޯޅަ ޓީމަށް ބޭރުގެ ކޯޗެއް ހޯދަނީ


  • މީގެ ކުރިން މަސައްކަތް ކުރީ އިރާންގެ ގައުމީ ކޯޗު ގެންނަށް

  • މިހާރު އަންނަނީ ޖަޕާނާއެކު މަޝްވަރާކުރަމުން

ސައުތު އޭޝިއާ ފަހަނައަޅާ ދެވޭވަރުގެ ރަނގަޅު ޓީމެއް ރާއްޖޭގައި އުފެއްދުމަށް ރަނގަޅު ކޯޗެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑޯ ހޭންޑްބޯޅަ ކޯޓު އެޅުމުން ފެންވަރުގެ މޮޅު ކޯޗުން ފެނިގެންދާނެ ކަމަށެވެ. މުޖުތަބާ ވިދާޅުވީ ރާއްޖެއަށް އިންޑޯ ކޯޗެއް ގެނައުމަށް އީރާންގެ ޤައުމީ ކޯޗާއެކުވެސް ވާހަކަދެކެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މެދުއަރިމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އޭނާއަށް މާލެ އާދެވޭގޮތް ނުވެ އެކަން މަޑުޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ރަނގަޅު ކޯޗެއް ހޯދުމަށް ޖަޕާން އަދި އެހެންގައުމުތަކާއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އުންމީދަކީ ރަނގަޅު ކޯޗެއްގެ އެހީގައި ކުރިޔަސް އޮތް މުސްތަގުބަލުގައި ދެކުނު އޭޝިއާ ފަހަނައަޅާގޮސް ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްކުން ރާއްޖެއަށް ފުރުސަތު ލިބުން ކަމަށެވެ.

ރާއްޖޭގެ ޒުވާން ހޭންޑުބޯޅަ ޓީމު، މިއަހަރުގެ ޖޫންމަހު ސައުތު އޭޝިއާގައި ބާއްވާ އެންމެ ބޮޑު މުބާރާތުގައި ފެނިގެންދާނެ ކަމަށާއި، އުންމީދަކީ މި ޓީމުން ރަން މެޑަލް ހޯދުން ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

އެ ފެންވަރަށް ޓީމު ތަމްރީނުކުރެވޭތޯ 3 މަހެއްހާ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށާއި އެހެންކަމުން އުންމީދަކީ އެ ޓީމު އެ ފެންވަރުގެ ކާމިޔާބީއެއް ހޯދުން ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖޭގެ ޒުވާން ހޭންޑުބޯޅަ ޓީމު ވާދަކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައެވެ.