ސިޔާސީ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އޮކްޓޫބަރ މަހު އަލުން ފަށްޓަވަނީ


އިދިކޮޅު މައި ޕާޓީ އެމް.ޑީ.ޕީ ހިމެނޭގޮތަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އޮކްޓޫބަރު މަހުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ އެންމެ އިސް މަންދޫބް، ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު މައި ދެޕާޓީކަމަށްވާ އެމް.ޑީ.ޕީއާއި ޢަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ އދ.ގެ މަންދޫބާ އެކުގައި ކަމަށް ސަރުކާރަށް އަންގަވާފައިވާ ކަމަށާއި، އެހެންކަމުން ޔޫ.އެންގެ މަންދޫބް ރާއްޖެއަށް އެނބުރިވަޑައިގަތްހާ އަވަހަކަށް ސިޔާސީ ޕާޓީގެ މަޝްވަރާތައް ފައްޓަވާނެކަމަށެވެ.

ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ވަނީ އިދިކޮޅު ފަރާތްތަކުން އެއްވެސް ޝަރުތަކާ ނުލައި ސިޔާސީ ޕާޓީގެ މަޝްވަރާގައި ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފައެވެ. އިދިކޮޅު ޕާޓީތަކުން ކުރިން ބުނަމުންދިޔައީ މަޝްވަރާތަކުގައި ބައިވެރިވާނީ ޖިނާޢީ އެކި ކުށްތައް ސާބިތުވެފައިވާ އެޕާޓީތަކުގެ ކުރީގެ ލީޑަރުން މިނިވަންކުރުމުންކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަސްރަޙްގައި ދިމާވެފައިވާ ނުތަނަވަސްކަން ޙައްލުކުރެއްވުމަށް ސިޔާސީ ޕާޓީތަކުން އެދޭ ކަންކަން މަޝްވަރާގެ ތެރޭގައި ހުށައެޅުއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިފަހަރުގެ މަޝްވަރާތަކުގައިވެސް ސަރުކާރުގެ އެއްވެސް ޝަރުތެއް ނެތްކަމަށާއި، ސިޔާސީ ޕާޓީތަކުން އެދޭ ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވޭނެކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް މަޝްވަރާގެ ކުރިން ނިންމެވުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ރާއްޖޭގެ އިދިކޮޅު ޕާޓީތަކުން ސިޔާސީ ޕާޓީގެ މަޝްވަރާގައި ބައިވެރިވުމަށް ގޮވާލެއްވި ގޮވާލެއްވުމަކީ އެ ފަރާތްތަކަށް ލިބުނު މެސެޖެއްކަމަށާއި، މިކަމުން ދޭހަވަނީ އިޞްލާޙީ މަސައްކަތްތަކަށް ސަރުކާރުން ގޮވާލާ ގޮވާލުންތަކަށް އިދިކޮޅު ފަރާތްތަކުން ކުރިން އިޖާބަދީފައި ނުވާކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިޔާސީ ޕާޓީގެ މަޝްވަރާ އަންނަމަހު ބޭއްވެވުމަށް ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާއިރު ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން އިސްވެ ސިޔާސީ ޕާޓީގެ މަޝްވަރާއަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުން މިހާތަނަށް މިކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާފައެއް ނުވެއެވެ.