ޚަބަރު

ފުލުހުންގެ ވެލްފެއަރ ފަންޑުން 2 ފުލުހަކު ޙައްޖަށް ފޮނުވަނީ


އަންނަ އަހަރު، ފުލުހުންގެ ވެލްފެއަރ ފަންޑުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެ މުވައްޒަފަކު ޙައްޖަށް ފޮނުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވައިފިއެވެ.

ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، 2017 ވަނަ އަހަރު ފުލުހުންގެ ވެލްފެއަރ ފަންޑުގެ ހިލޭ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެ މުވައްޒަފަކު ޙައްޖަށް ފޮނުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަރީފް ނިންމަވާފައިވާ ކަމަށެވެ. މިއީ ފުލުހުންގެ ވެލްވެފެއަރ ފަނޑުގެ އެހީގެ ދަށުން ފުލުހުންގެ މުވައްޒަފުން ޙައްޖަށް ފޮނުއްވުމަށް ނިންމެވި ފުރަތަމަ ފަހަރެވެ.

ޝިފާން ވިދާޅުވީ، ޙައްޖަށް ފޮނުވާ މުވައްޒަފުން ހޮއްވެވުމުގައި ޢަމަލުކުރައްވާނީ މިހާރުވެސް ފުލުހުންގެ ތެރޭގައި ޢަމަލުކުރައްވަމުން ގެންދަވާ ޢާއްމު އުޞޫލަތާކައި ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. ޙައްޖަށް ފޮނުވަން ނިންމަވާ މުވައްޒަފުންގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ވެލްފެއަރ ފަންޑުން ކަމަށް ޝިފާން ވިދާޅުވިއެވެ. ފުލުހުންގެ ވެލްފެއަރ ފަންޑަކީ، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ދިމާވާ އެކި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަންޑެކެވެ.