ޚަބަރު

މިފްކޯ، އެސްޓީއޯގެ ދަށުން ހިންގެވުމަށް ސަރުކާރުން ނިންމަވައިފި


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯގެ ހިންގެވުން އެސް.ޓީ.އޯއާ މިއަދުން ފެށިގެން ޙަވާލުކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ، މިފްކޯ މިހާރު ހިންގަމުން ގެންދާގޮތަށް ބަލާއިރު، ސަބްސިޑީގެ ގޮތުގައި ސަރުކާރުގެ މާލިއްޔާއިން ބޮޑު ހޭދައެއް ކުރައްވަން ޖެހިވަޑައިގަތުމާއި، މިހާރު ބޮޑު ގެއްލުމެއްގައި މިފްކޯ ހިންގަމުންދާތީ، އެސްޓީއޯ ފަދަ ކޯޕަރޭޓް ބިޒްނެސް މޮޑެލްއަކަށް ހިންގަމުންދާ ކުންފުންޏެއްގެ ދަށުން ހިންގެވުމުން މިކަން ޙައްލުވެގެންދާނޭ ކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާތީ ކަމަށް އިކޮނޮމިކް ކައުންސިލުން ވިދާޅުވިއެވެ.

މިކަން ހާމަކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް ކައުންސިލްގެ ޗެއަރ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ، މިފްކޯ ހިންގަމުންދާގޮތުން ސަރުކާރުން ބޮޑު ސަބްސިޑީއެއް މިކަމުން ހޭދަކުރަންޖެހޭ ކަމަށާއި، އެސްޓީއޯއާ ޙަވާލުކުރެއްވުމުން، ސަރުކާރުން މިހާރު ޑަބަލްކޮށް ކުރަމުން މިދާ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނޭ ކަމަށެވެ.

ސަރުކާރުގެ މި ނިންމެވުމާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި ނިންމެވުމުގެ ސަބަބުން މަސްވެރިންނަށް މީގެ ފައިދާ ބޮޑުވާނޭކަމަށެވެ. އިކޮމިކް ކައުންސިލުން ބޭއްވެވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މިގެންނެވި ބަދަލާއެކު މިފްކޯ މިހާރު ދަރަނިވެފައިވާ އޮތް އޮތުން ނިމުމަކަށް ގެންނެވޭނެ ކަމަށެވެ. އެގޮތުން ބޭންކުތަކަށް ދައްކަން މިފްކޯއިން ދަރަންޏަށް ސަރުކާރުން ޒިންމާވެވަޑައިގެން އެ ދަރަނި ދައްކަވައި ޚަލާސް ކުރައްވާނޭ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އައި.ޑީ.ބީ ފަދަ ބައިނަލްއަޤްވާމީ ބޭންކްތަކުން ލޯނުގެ އެހީތައް ދިނުމަށް ތައްޔާރަށް ތިބި ކަމަށާއި، މިކަން ވާން އަންނަނީ މިފްކޯގެ ހިންގުން ހަރުދަނާކުރެވި، ދަރަނި ޚަލާޞް ކުރެވިގެން ކަމަށެވެ.