ކުޅިވަރު

ބަނގްލަދޭޝްގެ ޓީމަށް ދިން ފައިސާގެ އިނާމާއެކު ބޮޑު ފާޑުކިޔުމެއް!


  • ފައިސާގެ އިނާމަށްވުރެ ބޮޑަށް ޓީމު ތަމްރީނަށް ޔޫރަޕަށް ފޮނުވުން މުހިންމު ކަމަށް ގިނަ ބަޔަކު ދެކޭ

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެން ބަނގްލަދޭޝް އަށް ދިޔަ ފުޓްބޯޅަ ޓީމަށް ދިން އިނާމެއްގެ ގޮތުގައި ފައިސާގެ އިނާމްދީ އެކާމިޔާބީ މާބޮޑަށް ފާހަގަ ކުރާތީގެ ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފާޑުކިއުން އަމާޒު ވެއްޖެއެވެ.

ޕެނަލްޓީ ޖަހައިގެން އިންޑިޔާ ބަލިކުރި ޓީމު ގައުމަށް ދިއުމުން އިނާމެއްގެ ގޮތުގައި ދީފައިވަނީ 250،000 (ދެ ލައްކަ ފަންސާސް ހާސް ބަނގްލަދޭޝް ޓަކާ) އާއި ގައުމީ ޝަރަފާއި ޑިސްކައުޓް ވައުޗާ އެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ކޮންމެ ކުޅުންތެރިއަކަށް 31554.11 (އެއް ތިރީސް ހާސް ފައްސަތޭކަ ފަންސާސް ހަތަރު ރުފިޔާ އެގާރަ ލާރި) އެވެ.

މި އިނާމްތައް ދިނުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ އިތުރުން ތައްޓާއެކު ބަނގްލަދޭޝްގެ މަގުތަކުގައި ވަނީ ހާއްސަ ޕެރޭޑެއް ވެސް ބާއްވައިފައެވެ. އަދި މި ޓީމު ބަނގްލަދޭޝް އަށް ދިއުމުން އެއާޕޯޓުން ވެސް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

ބަނގްލަދޭޝް ޓީމަށް އިނާމެއްގެ ގޮތުގައި ދިން ފައިސާގެ އިނާމް ދީފައިވަނީ ސަރުކާރުން އެއް ލައްކަ ޓަކާ، ފުޓްބޯޅަ ފެޑަރޭޝަނުގެ ނައިބް ރައީސް ނަސީރު ޝާހްރީރު ޒަހްދީ ވަނީ އޭނާގެ އަމިއްލަ ޖީބުން ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ޓަކާ ދީފައެވެ. އަދި އުއްޓަރަ ސިޓީ ކޯޕަރޭޝަނުގެ އެޑްމިނިސްޓްރޭޓަރަކު ވަނީ ކޮންމެ ކުޅުންތެރިއަކަށް 50،000 ޓަކާ ދީފައެވެ.

މިކަމާ ގުޅިގެން ފާޑުކިޔަން ފަށާފައިވަނީ ކުރީގެ ކުޅުންތެރިންނާއި ކުލަބުތަކުގެ އޮފިޝަލުންނާއި ކޯޗުންނެވެ. ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްގެ ގޯލްކީޕިން ކޯޗު ނަރުރްޒަމާން ނަޔަން ބުނީ ކާމިޔާބު ހޯދާ ކުޅުންތެރިންގެ އަގު ވަޒަން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އިންވެސްޓް ކުރަން ޖެހޭނީ ދަނޑުމަތީގެ ހަރަކާތްތަކަށް ކަމަށެވެ.

"ތަށި ހޯދުމަކީ އެ ޓީމަށާއި ގައުމަށް ލިބޭ ފަހުރެއް. މިއީ އާއްމުންނަށް ލިބޭނެ ހިތްވަރެއް. އެހެންވީމާ މިފަދަ ރަސްމިއްޔާތު ތަކާއި ފައިސާގެ އިނާމަކީ ވެސް މުހިންމު ކަމެއް. އެކަމަކު އަހަރުމެން ބޭނުންވަނީ މިކަމެއް ނޫން. އެ ކުދިން މޮޅަށް ކުޅުނީމަ އަހަރެން އުއްމީދު ކުރީ އެ މީހުންގެ ކުރިއެރުމަށް މި ޓީމު ޔޫރަޕަށް ތަމްރީނަށް ފޮނުވާނެ ކަމަށް. ދެތިން މަސް ނުވަތަ ހަތަރު މަހަށް އެންމެ މަތީ ފެންވަރުގެ ތަމްރީނަށް. ގައުމަށް މިވަގުތު ބޭނުންވަނީ މިފަދަ އިންވެސްޓްމަންޓް. މިފަދަ ކަންކަމުން ފައިދާ ވާނީ،" ބަނގްލަދޭޝްގެ އެންމެ ކާމިޔާބު ޓީމުގެ އޮފިޝަލް ބުންޏެވެ.

ކުރީގެ ގައުމީ ފޯވަޑް ޒާހިދް ހަސަން އަމޭލީ ބުނީ މިފަދަ ކުލަބޮކިތަކުގެ ރަސްމިއްޔާތުތަކަށްވުރެ ބޮޑަށް ފައިދާހުރި އެހެން ކަންކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

"ޒުވާން ކުދިންނަށް ހިތްވަރު ދިނުމަކީ ކުރަން ގޯސް ކަމެއް ނޫން. މިފަދަ ކަންކަން ނުވެސް ހުއްޓުވޭނެ. އެންމެ މުހިންމީ އެއް ފެންވަރެއްގައި މިފަދަ ކަންކަން ކުރުން. ދަނޑުމަތީގެ ކުރިއެރުމަށް އިސްކަން ދޭން އެބަޖެހޭ. މިފަދަ ރަސްމިއްޔާތުތައް ބޭއްވިދާނެ. އެކަމަކު ދަނޑުމަތީގެ ކުރިއެރުމަށް އިސްކަންދޭންވީ ސީނިއާ ޓީމަށް ކާމިޔާބު ނުލިބޭތީވެ. ޒުވާން ކުޅުންތެރިން ކާމިޔާބު ހޯދީމާ އެ މީހުންގެ ކުރިމަގު އުޖާލާވާނެ ގޮތަކަށް ކަންކަން ކުރަން ޖެހޭ. އުމުރު ފުރާގެ ޓީމުތައް ވެސް މަދު ފަހަރަކު ސާފް ލެވެލްގައި އެ ކުޅެނީ. ދެން ސާކް ސަރަހައްދަށްވުރެ ދުރަށް މިހާރު ދާން ޖެހޭ. އޭޝިޔާ ކަޕަށް އަމާޒު ހިފާނަމަ މި ސަރަހައްދު ދޫކޮށް ދުރު ގައުމުތަކުގައި ކޭމްޕްކޮށް މެޗުތައް ކުޅެން ޖެހޭ،" ކުރީގެ ގައުމީ ފޯވަޑް ބުންޏެވެ.

ކުރީގެ މިޑްފީލްޑަރު މާމުން ހާން ބުނީ މީހުން ނެތް މަގުތަކެއްގައި ހުސް ޕެރޭޑް ބޭއްވުމަށްވުރެ ވެސް ފައިދާހުރި ކަންކަމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. ބަނގްލަދޭޝްގެ ކުޅުންތެރިންނަށް އިނާމްދީ ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައިވަނީ ފުޓްބޯޅަ ފެޑަރޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓަރީ ގުޅިގެންނެވެ.