ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (މޯލްޑިވްސް އެކުއަޓިކްސް) ގެ ހިންގާ ކޮމިޓީގައި އެތުލީޓުން ތަމްސީލްކުރާ ދެ މަގާމަށް އަދި ކުލަބުތައް ތަމްސީލްކުރަން މެމްބަރުން އިންތިޚާބުކޮށްފިއެވެ.
މި މަގާމުތަކަށް މެމްބަރުން އިންތިޚާބުކުރީ ވަނީ އާދިއްތަ ދުވަހުގެރޭ ބޭއްވި މޯލްޑިވްސް އެކުއަޓިކްސްގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި އެތުލީޓުން ތަމްސީލްކުރާ ދެ މަގާމަށް އިންތިޚާބުކޮށްފައި ވަނީ ދެ އޮލިމްޕިއަނުން ކަމަށްވާ އައިޝަތު ސާޖިނާ އާއި ނިޝްވާން އިބްރާހިމްއެވެ.
އެތުލީޓުން ތަމްސީލުކުރާ އަންހެން މެމްބަރަކަށް ސާޖިނާ އިންތިހާބުވީ، ޖަލްސާގައި ބައިވެރިވި، 10 މެމްބަރުންގެ ތެރެއިން އަށް ވޯޓު ހޯދައިގެންނެވެ. އެތުލީޓުން ތަމްސީލްްކުރާ ފިރިހެން މެމްބަރަކަށް ނިޝްވާން ހޮވުމަށް، ނުވަ ވޯޓު ލިބިފައިވެއެވެ.
މި ދެ އެތުލީޓުންގެ އިތުރުން އެ އެސޯސިއޭޝަންގެ ކްލަބްތައް ތަމްސީލްކުރާ އަންހެން މެމްބަރަކަށް ނިއު ލެގޫންސް ސްވިމިން ކްލަބްގެ ޝާދިޔާ ވެސް ވަނީ އިންތިޚާބުކޮށްފައެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ، ވޯޓުލެވޭ ހިތް ކުލަބުގެވެސް ތާއީދާއެކުއެވެ.
ސްވިމިންގް އެސޯސިއޭޝަނުން މިދިޔަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި، އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް، މުހައްމަދު އަބްދުއްސައްތާރު ވަނީ އިންތިހާބުވެފައެވެ.
އޭނާ އިންތިޚާބު ކުރުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ވަގުތު ހަމަވިއިރު، އެ މަގާމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. ސައްތާރު މިދިޔަ އަހަރު ރައީސަކަށް އިންތިހާބުވީ، 66 މެމްބަރުންގެ ތެރެއިން 64 ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ.