ޚަބަރު

މިއީ މުޅި ގައުމަށް ލިބުނު އުފަލެއް: ބަނގްލަދޭޝްގެ ކެޕްޓަން


  • އަޒުމަކީ ތަށި މިލްކުކުރުންކަަމަށް މިތޫ ބުނި

  • "މިއީ ބުރަ މަސައްކަތުގެ ނަތީޖާ"

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެންޕިއަންކަން ބަނގްލަދޭޝްއަށް ލިބުމަކީ މުޅި ގައުމަށް ލިބިގެންދިޔަ އުފާވެރިކަމެއްކަމަށް ޓީމުގެ ކެޕްޓަން އެމްޑީ މިތޫ ޗައުދަރީ ބުނެފިއެވެ.

މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މިތޫ ބުނެފައިވަނީ މުބާރާތް ކާމިޔާބުކުރެވުމުން ލިބުނު އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގޭކަމަށެވެ.

"އަހަރުމެންގެ އެންމެ ބޮޑު ފަޚުރަކީ އަމިއްލަ ގައުމު. މުބާރާތުގެ ތަށި ހިއްލާލެވުނީ ހުރިހާ ކުޅުންތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުން. ލިބުނު ކާމިޔާބީއަށްޓަކައި ﷲ އަށް ހަމްދުކުރަން. މިއުފާވެރިކަން ބުނެދޭންވެސް ނޭނގެ" މިތޫ ބުންޏެވެ.

މިތޫ ބުނެފައިވަނީ މިކާމިޔާބީއާއެކު އެނބުރި ގައުމަށް ދިއުމުން މުޅި ގައުމު އެއުފަލުގަ ބައިވެރިވާނެކަމަށެވެ. މިކާމިޔާބީގެ ސަބަބުން މުޅި ގައުމަށް އުފާވެރިކަން ގެނުވާނެކަމަށާ ކުރިއަށް އޮތް 2026 ވަނަ އަހަރު އެޓީމުން ނުކުންނާނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާ ތަށި ދިފާއުކުރަންކަމަށް އޭނާ ބުންޏެވެ.

"ގައުމަށް އަނބުރާ ދިއުމުން މުޅި ގައުމު އަހަރުމެންނަށް މަރުހަބާ ކިއުމަށް ނިކުންނާނެ. މިއީ މުޅި ގައުމަށް ލިބުނު އުފާވެރިކަމެއް. އިންޝާﷲ 2026 ވަނަ އަހަރުމެން ނުކުންނާނީ ތަށި ދިފާއުކުރަން" މިތޫ ބުންޏެވެ.

އޭނާ ބުނެފައިވަނީ އިދިކޮޅުން ނުކުތް އިންޑިއާއަކީވެސް ވަރުގަދަ ޓީމެއްކަމަށެވެ. އެޓީމަށް އޭނާ އަބަދުވެސް އިހްތިރާމުކުރާނެކަމަށާ ބަނގްލަދޭޝްއަށް ލިބުނީ ހައްގު ކާމިޔާބީއެއްކަމަށް އޭނާ ދެކޭކަމަށް މިތޫ ބުންޏެވެ. މިމުބާރާތަށް ޓީމުން ވަރަށް ބޮޑަށް ތައްޔާރުވިކަމަށާއި މިކާމިޔާބީގެ އަސްލަކީ ﷲގެ ހެޔި ރަހްމަތްފުޅާއެކު ޓީމުން ކުރި ބުރަ މަސައްކަތްކަމަށް މިތޫ ފާހަގަކުރިއެވެ.

ދެވަނަ ފަހަރަށް ތަށި ހޯދުމުގެ އަމާޒުގައި އެޓީމުން ނުކުތްއިރު މާބޮޑު ޕްރެޝަރެއް ނެތްކަމަށް އޭނާ ބުންޏެވެ. ޓީމުން ބެލީ ހަމަޖެހިލައިގެން ތިބެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށްކަމަށް މިތޫ ބުނެފަވެއެވެ.

ބަނގްލަދޭޝް ޓީމުގެ ކެޕްޓަންކަން ކުރި މިތޫ ފާހަގަކުރެވުނީ ދަނޑުމަތީގައި ޓީމު ގޮވައިގެން ކާމިޔާބު ހޯދައިދިނުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައެވެ. ޑިފެންސަށް ކުޅެމުން އަންނަ މިތޫ އަކީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށްވާއިރު އޭނާގެ އަމާޒަކީ ވީހާވެސް އަވަހަކަށް ގައުމަށް ގޮސް ކުރިއަށް އޮތް 2027 ވަނަ އަހަރުގެ މުބާރާތުގެ ތަށި ގައުމަށް މިލްކުކޮށްދިނުމެވެ.