ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގޭ ޓޭބަލް ޓެނިސް ޓީމަށް ކޮންމެ ކެޓަގަރީއަކުންވެސް މެޑަލެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު މަހުދީ ހޮޝްމަރަމް ބުނެފިއެވެ.
މިއަދު ރާއްޓޭގެ ޓީޓީ ޓީމު ފުރުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް އޮންނާނީ އޭޕްރީލު 8 ން 11 އަށް އިންޑިއާގެ ޝިމްލާގައެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާނެވެ. އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.
މި ކުޅުންތެރިންނަށް އިރުޝާދުދެމުން އަންނަ ކޯޗު، އީރާނުގެ ހޮޝްމަރަމް ބުނީ ތިން ހަފްތާގެ ފަރިތަކުރުންތައް ބޭއްވިއިރު ކުޅުންތެރިންގެ ފޯކަސް ހުރީ މިދިޔަ އަހަރުގެ މުބާރާތަށްވުރެ ރަނގަޅު ނަތީޖާއަކަށް ކަމަށެވެ. އަދި ކޮންމެ ކެޓަގަރީއަކުންވެސް ރާއްޖެއަށް މެޑަލެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ރާއްޖޭން ވާދަކުރާނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ 4 އިވެންޓެއްގައެވެ. ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް މި މުބާރާތުގައި ވާދަކުރަން ޖެހޭނީ ވަރުގަދަ ގައުމުތަކާއި ކަމަށާއި، އެހެންނަމަވެސް ޓީމާ މެދު އުންމީދު އެބައޮތް ކަމަށެވެ.
އެގޮތުން މި ޓީމުގައި ދެ ފެންވަރެއްގެ ކުޅުންތެރިން ހިމެނޭ ކަމަށާއި، އޭގެތެރެއިން ފާތިމަތު ދީމާ އަލީ އަކީ ފެންވަރު މަތި ކުޅުންތެރިއެއް ކަމަށް ކޯޗު ފާހަގަކުރިއެވެ. މި މުބާރާތުގެ ސިންގަލްސް އިވެންޓުން ދީމާ ރަން މެޑަލް ހޯދާނެ ކަމަށް އުންމީދުކުރާކަމަށް އެއީ ވަރަށް ވަރުގަދަ ކުޅުންތެރިއެއް ކަމަށް ކޯޗު ކޯޗު ފާހަގަކުރިއެވެ. އަދި އެހެން ކުޅުންތެރިންވެސް މިދިޔަ މުއްދަތުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރައިފި ކަމަށް ކޯޗު ބުންޏެވެ.
"މިހާރު 90 އިންސައްތަ ތައްޔާރުވެވިއްޖެ، އިދިކޮޅޫ ޓީމުތަކުގައި ވަރުގަދަ ކުޅުންތެރިން ތިބީ، އެކަމަކުވެސް އަހަރެމެންގެ އުންމީދު އެބައޮތް ކޮންމެ ކެޓަގަރީއަކުންވެސް މެޑައްޔެއް ހޯދޭނެ ކަމުގެ. ދީމާ ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދާނެކަމުގެ އުންމީދު ވަރަށް ބޮޑު" ކޯޗު ހޮޝްމަރަމް ބުންޏެވެ.
ރާއްޖޭގެ ކުޅުންތެރިން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އީރާނުން ދެ ކުޅުންތެރިން ގެނެސްގެން މާލޭ ޓީޓީ ހޯލުގައި ޓްރޭނިންތައް ފުރިހަމަކޮށްފައިވާއިރު ބައެއް ކުޅުންތެރިން މެޗު ތަޖުރިބާ ގިނަ ކުރުމަށް ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާއެކުވެސް ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ.
މި މުބާރާތަކީ އޮމާންގައި ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. ރާއްޖޭގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ކޯޗު ބުނީ މި މުބާރާތަށް ދާ އެތުލީޓުން ހޮވުމަށް ބޭއްވި ޓްރަޔަލްސްތަކަށް ފަހު ކޮންމެ ދުވަހަކު ދެ އިރު ފަރިތަކުރުންތައް ބާއްވަމުން އައިކަމަށެވެ. އަދި މިހާރު 90 އިންސައްތަ ތައްޔާރުކަމަށެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ އެތުލީޓުން ހޮވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށށް ކޯޗު ބުންޏެވެ.