ޚަބަރު

ނަހަމަގޮތުގައި ބޭސް ބޭނުންކުރުން ހުއްޓުވުމާގުޅޭ ވަރކްޝޮޕެއް


ރާއްޖޭގައި ބޭހުގެ ބާވަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މިންވަރު ދެނެގަތުމާބެހޭ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ކަމާ ގުޅުހުން ހުރި ދާއިރާތަކުން ފަށްޓަވައިފިއެވެ.

ބޭހުގެ ބާވަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ބާއްވަވާ މި ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ނޭޝަނަލް ޑްރަގް އެޖެންސީން ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ބޭހުގެ ބާވަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މިންވަރާއި، ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމާއި މިކަންކަން ޙައްލުކުރުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ ކުރިއަށް ކުރަންހުރި ކަންކަން ދެނެގަތުމެވެ.

ކަސްޓަމްސް ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަޒްލީން އަޙުމަދު ވިދާޅުވީ، ރާއްޖޭގައި ޑޮކްޓަރީ ބޭސް ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބޭހުގެ ބޭނުން ނަހަމަގޮތުގައި ކުރާ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ނަހަމަގޮތުގައި ބޭސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކަމާގުޅޭ ދާއިރާތައް ގުޅިވަޑައިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި މިކަން އޮތް މިންވަރު ދެނެގަނެވި، ކަމާގުޅޭ މުޢައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާއި އެކަށީގެންވާ ވިއުގައެއް ޤާއިމްކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު ބާއްވާވާ މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން 45 ފަރާތަކުން ބައިވެރިވެވަޑިގަންނަވައެވެ. މި ބައްދަލުވުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.