އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ޒެމްބިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފި އެވެ.
ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އިން ލަބޮމްބޮނޭރާ ސްޓޭޑިއަމްގައި ފަންސާސް ހަތް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 4 ވަނަ މިނިޓުގައި އާޖެންޓީނާ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ހޫލިއަން އަލްވަރޭޒް އެވެ.
އުމުރުން 38 އަހަރުގެ ކެޕްޓަން ލިއޮނެލް މެސީ ފުރަތަމަ 11 އިން ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މެސީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އާޖެންޓީނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް އޮޓަމެންޑީ އެވެ. އަދި މެޗުގެ 68 ވަނަ މިނިޓުގައި ޒެމްބިއާގެ ޑޮމިނިކް ޗަންޑާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 4-0 އަށް ބަދަލުވެފަ އެވެ.
މި މެޗުގައި އާޖެންޓީނާ އިން ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ވެލެންޓީނޯ ބާކޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ މެޗަށްފަހު ވާހަކަ ދައްކަމުން ބުނެފައިވަނީ ވޯލްޑްކަޕަށްދާ ޓީމު ފައިނަލް ކުރުމުގައި އެންމެ މުހިންމު ކަމެއް ދޭނީ ކުޅުންތެރިންގެ ފިޓްނަސްއަށް ކަމަށެވެ. އަދި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވޯލްޑްކަޕަށް ދާ ޓީމުގައި ހިމެނޭނީ މެސީގެ ނިންމުން ހުރި ގޮތަކަށް ބެލުމަށްފަހު އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް ސްކެލޯނީ ވަނީ ބުނެފަ އެވެ.
ވޯލްޑްކަޕްގައި އާޖެންޓީނާ ހިމެނޭ ގްރޫޕް ޖޭ ގައި ދެން ހިމެނެނީ އޮސްޓްރިއާ އާއި އަލްޖީރިއާގެ އިތުރުން ޖޯޑަން އެވެ.