ޔަހޫދީންނަށް ޙަމަލާދޭ ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޔަހޫދީން ފާސްކޮށްފައިވާ ޤާނޫނާ މެދު ވިލާތުގެ ޤައުމުގެތަކުގެ އިއްތިޙާދު، އީޔޫން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ޔަހޫދީންގެ އަސްކަރީ ކޯޓަކުން ޙުކުމް ކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކުރި ޤާނޫނަކީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އީޔޫގެ ތަރުޖަމާނު ވަނީ ސިފަކުރައްވައިފައެވެ.
އެއާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޑިމޮކްރަސީގެ ހަމަތަކަށް އިޙްތިރާމުކޮށް، އެ ޤާނޫނު އުވައިލުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވާލައްވައިފައެވެ.
ޔަހޫދީންނަށް ޙަމަލާދޭ ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމަކީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވައުދެކެވެ.
އީޔޫގެ ތަރުޖަމާނު ވިދާޅުވީ، އެ ނިންމުމާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް އީޔޫން އަޅާނެ ފިޔަވަޅެއް އަދި ބުނަން ދަތި ކަމަށެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް މަރުގެ އަދަބު ދޭން ޤާނޫނެއް ހަދާފައިމިވަނީ، ފަލަސްޠީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޖަރީމާތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިގޮތުން، ފެބްރުއަރީ 28އިން ފެށިގެން އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ވަނީ ބަންދުކޮށްފައެވެ. އެއާ އެކު ކާބޯތަކެއްޗާއި ބޭސް ލިބޭނެ މަގުތައް ބަންދުވެ، ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތައް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނެ މަގުތައް ބަންދުވެފައިވާއިރު އެ ސަހަރުގައި އަނެއްކާ ވެސް ބަނޑުހައިހޫނުކަން ފެތުރުމުގެ ބިރު ވަނީ އުފެދިފައެވެ.
އަދި ޣައްޒާގެ ހޮސްޕިޓަލުތަކުން ބޭސް ހުސްވުމުގެ ބިރު މިހާރު ވަރަށް ބޮޑުކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.
ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.