އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ޓިމޯ ލެސްޓޭ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ފަހަތުން އަރާ 2-1 އަކުން ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފަށައިގެން ރާއްޖެ ޓީމުން ވަނީ އެޓޭކިން މޮޅު ކުޅުމެއް ކުޅެ، ލަނޑެއް ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ހާފުގެ 24 ވަނަ މިނެޓުގައި ރާއްޖެ ޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އަޙްމަދު އައިހަމް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް އިބްރާޙީމް މަހުދީ ހުސެއިން ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، ގޯލު ލައިން މަތިން ކަހަލަ ގޮތަކަށް ޓިމޯ ލެސްޓޭގެ ކީޕަރު ޑިލަން ހޯސޭ ނިސްކީ ވަނީ ބޯޅަ ދިފާއުކޮށްފައެވެ.
އެފަހުން ނާއިޒް ހަސަން އަށް ވެސް ވަނީ ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ޓިމޯ ލެސްޓޭގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި، މުޅިން ހުސްކޮށް ހުރެ ނާއިޒް ބޯޅައާއެކު ކުރިއަށް އަރައި ކީޕަރު ކައިރިން ބީޓުކޮށްލުމަށް މަސައްކަތް ކުރި ނަމަވެސް، ރާއްޖެއިން ލަނޑުޖަހަން ކުރިމ މަސައްކަތަށް އަނެއްކާވެސް ހުރަސް އެޅީ ޓިމޯ ލެސްޓޭގެ ކީޕަރު، ހޯސޭ ނިސްކީއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިަގެންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅެމުންދިޔައީ ދިވެހިޓީމުންނެވެ. ޓިމޯ ލެސްޓޭ ޓީމުން ދެވަނަ ހާފަށް ނިކުތީ ކުރިއަށްވުރެ ބޮޑަށް ފަހަތަށް ޖެހިގެން ލިބޭ ފުރުސަތުތަކުގައި އަވަސް އެޓޭކްތަކެއް ކުރުމަށް ވިސްނައިގެންނެވެ.
ނަތީޖާއެއްގެ ގޮތުން ދިވެހި ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގާ ޓިމޯ ލެސްޓޭ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްޒެންޑްރޯ ބަޙިތޯ ލެމޯސްއެވެ.
ދިވެހި ޓީމުން މެޗުގައި ނަތީޖާ ހަމަ ހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 4 މިނެޓަށްވެފައި ވަނިކޮށެވެ. ސިފާއު އޭރިއާތެރެއަށް އެއްލި ބޯޅަ ސަމޫޙް ޖައްސާލުމުން ލިބުނީ އިރުފާންއަށެވެ. އިރުފާން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އޭނަ ފުރަތަމަ ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލް ކުރިމައްޗަށް ވެއްޓުނު ވަގުތުއެވެ.
މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އަލީ އަޝްފާގް އާއި އަލީ ފާސިރު ދިވެހި ޓީމުން ވަނީ ކުޅެންނެރެފައެވެ. މެޗުން ދިވެހި ޓީމުން މޮޅުވުމުގައި މިދެ ކުޅުންތެރިން ދައުރު ފާހަގަކޮށްލަންޖެހެއެވެ.
އަލީ އަޝްފާގް ދިވެހި ޤައުމީ ޓީމަށް ކުޅެދިން 99 ވަނަ މެޗުގެ އިތުރު ވަގުތުގައި ހޯދައިދިން ޕެނަލްޓީއިން، ދިވެހި ޓީމު މެޗުން މޮޅުކޮށްދީ ތިން ޕޮއިންޓް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރެވެ.