ސިއްހަތު

އިންޖަރީ ސަރވެއިލެންސްއާ ގުޅޭ މަޝްވަރާތަކެއް ފަށްޓަވައިފި


"އިންޖަރީ ސަރވެއިލެންސް" މިހާރަށްވުރެ ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢަމާޒު ކުރައްވައިގެން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީގައި ބާއްވަވާ މި މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ވަޙީދުވަނީ، އެއްގަމާއި ކަނޑުމަތީގައި ދިމާވާ ތަފާތު ހާދިސާތަކާ ގުޅިގެން ކުރިމަތިވާ އަނިޔާތައް ދެނެގަނެ، އެފަދަ ޙާދިސާތައް މަދުކުރުމަށް މިކަހަލަ މަސައްކަތު ބައްދަލުވުންތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޑރ. ޢަބްދުﷲ ވަޙީދު ވިދާޅުވީ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި މިހާރު ހުރި އުޞޫލުތަކާއި، ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުން މުހިންމުކަމަށެވެ.

މީގެއިތުރުން މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން އެއްގަމާއި ކަނޑުމަތީގައި ކުރިމަތިވާ އެކްސިޑެންޓްތައް މަދުކޮށް، ހޮސްޕިޓަލްތަކުން މިކަމުގައި ޢަމަލީގޮތުން އަދާކުރާ ދައުރު ހަރުދަނާ ކުރުމަށް އެހީތެރިވެގެންދާނެކަމަށް ޑރ. ޢަބްދުﷲ ވަޙީދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީގައި 2007 ވަނަ އަހަރު އިންޖަރީ ސަރަވެއިލެންސް ނިޒާމެއް ރާއްޖޭގައި ޤާއިމްކުރައްވާފައިވާކަމަށެވެ. އަދި، އައިޖީއެމްއެޗްގެ އިތުރުން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި އޭޑީކޭ ހޮސްޕިޓަލުގައި، ތަމްރީން ލިބިފައިވާ ސަރވެއިލެންސްގެ ފޯކަލް ޕޮއިންޓުން މަސައްކަތް ކުރަމުންދާކަމަށް ހެލްޓް މިނިސްޓްރީން ވިދާޅުވެއެވެ.