ޚަބަރު

އެމެރިކާގެ އިތުރު ސިފައިން މެދުއިރުމައްޗަށް، ޙޫޘީންގެ އިތުރު ޙަމަލާއެއް


އީރާނާ ދެކޮޅަށް ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި އީރާނަށް ވާގިވެރިވުމުގެ ގޮތުން ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ޞަހްޔޫނީންނަށް އަމާޒުކޮށް ދެވަނަ ފަހަރަށް ޙަމަލާދީފިއެވެ. މެދުއިރުމަތީ ހަނގުރާމައިގައި ޙޫޘީން ބައިވެރިވާން ފެށީ މާރިޗު 28 ވަނަ ދުވަހުއެވެ. އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ފެށި ޣައިރުޤާނޫނީ ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ ގޮތުން އެމެރިކާއިން ވަނީ އެތަކެއް ހާސް އިތުރު ސިފައިން ހުޅަނގު އޭޝިޔާ ސަރަޙައްދަށް ފޮނުވާފައެވެ.

ޔަހޫދީންގެ އަސްކަރިއްޔާއިން ބުނީ، މާރިޗު 30 ވަނަ ދުވަހު ޔަމަނުން ފޮނުވައިލި ދެ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. އީރާނުގެ މަދަދުލިބޭ ކަމުގައި ހުޅަނގުން ތުހުމަތުކުރާ ޙޫޘީން މި ހަނގުރާމައިގެ ތެރެއަށް ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާންގެ އައު އިސްވާރުންނާ މަޝްވަރާކުރަމުންދާ ކަން ހާމަކުރައްވައި، އެއީ "ވަރަށް ހަމަޖެހޭ" ބަޔެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ. ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތުމުން، ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 115 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ބްރެންޓްގެ އަގަކީ ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ އެއް މިންގަނޑެވެ.

އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އެމެރިކާއިން އެއް ފަރާތުން މަޝްވަރާގެ ވާހަކަ ދައްކަމުންދާއިރު، އަނެއް ފަރާތުން އެއްގަމު މަގުން އީރާނަށް އަރައި، ހަނގުރާމަ ފުޅާކުރުމަށް ރާވަމުންދާ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތަކެއް ހިނގަމުންދާކަން ޓްރަމްޕް ހާމަކުރައްފައިވާއިރު، މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދަނީ ޕާކިސްތާނުންނެވެ. އެ ޤައުމުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސުލްޙައިގެ ވާހަކަތައް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.