ޚަބަރު

ނަރުދޫގައި ފާރެއް ވެއްޓި މީހަކު މަރުވެއްޖެ


ށ. ނަރުދޫގައި ފާރެއް ވެއްޓި މީހަކު މަރުވެ، އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެއެވެ.

ނަރުދޫ ކައުންސިލުން ވިދާޅުވީ އެރަށުގައި ތަޅާލަމުންދިޔަ ގެއެއްގެ ފާރު ވެއްޓިގެން ހިނގި މިހާދިސާގައި މަރުވެފައިވަނީ އެރަށު އިރުމަތީގެ އަޙުމަދު މުފީދު ކަމަށެވެ. މި ހާދިސާ ހިނގި އިރު ފާރުކައިރީގައި ތިބި އިތުރު 3 މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވުމާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވާހަކަދައްކާ އަދި ޙަރަކާތްކުރާ ކަމަށާއި، އަދި ޑޮކްޓަރުން އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ. ފާރުކައިރީގައި ދެން ތިބި މީހުންނަށް މި ހާދިސާއާއި ގުޅިގެން ބޮޑު އަނިޔާތަކެއް ލިބިފައި ނުވާކަމަށް ނަރުދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެެވެ.

މިހާދިސާގައި ވެއްޓިފައިވަނީ ގާތްގަނޑަކަށް 6 ފޫޓް އުސްމިނުގެ ފާރެއްކަމަށް މަޢުލޫމާތު ލިބެއެވެ.