ޚަބަރު

އޭޝިއަން ބީޗް ގޭމްސް ހޭންޑުބޯޅަ: ރާއްޖެ، އޮމާން، ޤަޠަރު އެއް ގުރޫޕެއްގައި


  • އޮމާނާއި ގަތަރަކީ 2024 ގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ގައުމު

  • އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް އޮމާން ވާދަކުރާނެ

މި އަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމު، ސަރަހައްދުގެ ގަދަ ބާރުތަކެއް އެކުލެވޭ ވަރުގަދަ ގުރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސް ކުރިއަށްދާނީ އަންނަ މަހުގެ 22 އިން 30 އަށް، ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑުގައެވެ.

މި ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެ ހިމެނެނީ ގުރޫޕު ބީގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ 2024 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެ ގައުމުކަމަށްވާ އޮމާނާއި ގަތަރުގެ އިތުރުން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް އަދި މޮންގޯލިއާ އެވެ. މީގެތެރެއިން އޮމާން އިން، މި އަހަރުގެ ދުނިޔޭގެ މުބާރާތުގައި އޭޝިއާ އިން ވާދަކުރާނެއެވެ.

ވޯލްޑް ހޭންޑްބޯލް ޗެމްޕިއަންޝިޕުގައި ދެން އޭޝިއާއިން ވާދަކުރާ އީރާން ހިމެނެނީ ގްރޫޕް އޭގައެވެ. އީރާނުގެ އިތުރުން ދެން އެ ގުރޫޕުގައި ހިމެނެނީ އިންޑިއާ، ފިލިޕީންސް، ހޮންގްކޮންގް، ޗައިނާ، ބަހުރޭން އަދި ސްރީ ލަންކާއެވެ.

މި އިވެންޓުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނޭ އޮމާނާއި ބަންގްލަދޭޝް އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. އެގޮތުން އޮމާންގެ މަސްކަޓުގައި ކުރިއަށްދިޔަ އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގަ އޮމާނާ ބައްދަލުކުރި މެޗުގައި ރާއްޖެ ބަލިވީ 0-2 ސެޓުންނެވެ.

އެފަހުން ރާއްޖޭގައި، ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް 1-2 ސެޓުން ކުރިހޯދާފައެވެ. އެ މުބާރާތުގެ ބްރޮންޒް މެޑަލް ރާއްޖެއިން ހޯދީ ތިންވަނަ ހޮވި މެޗުގައި ބަންގްލަދޭޝް ބަލިކޮށްގެންނެވެ. އެހެންނަމަވެސް އެ މުބާރާތުގެ ލީގު ބުރުގައި ޕެނަލްޓީ ޝޫޓްއައުޓުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފައެވެ.

މި ފަހަރުގެ ބީޗް ގޭމްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ، ހޭންޑްބޯޅައިގެ އިތުރުން އެތުލެޓިކްސް، ސްވިމިން އަދި ވޮލީބޯޅައެވެ. ރާއްޖޭން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯޅަ ފިޔަވައި ދެން އޮތް ހަަތަރު ކުޅިވަރުގައި ވެސް އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާނެއެވެ. ހޭންޑްބޯޅައިގައި ވާދަކުރާނީ ފިރިހެނުންގެ ޓީމު އެކަންޏެވެ.