ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރާ ސްޕޯޓްސް ޕާކުގެ ބިންގާ އަޅައިފި


  • މި ޕާކްގައި ޓާފް އަޅައިގެން ފުޓްސަލް ދަނޑެއް ހަދާނެ

  • 3 އޮން 3 ބާސްކެޓް ބޯޅައަށް ހާއްސަ ކޯޓެއްވެސް ހިމެނޭ

  • އަދި މިހާރުވެސް ބޭނުން ކުރަމުން އަންނަ ވޮލީ ކޯޓު އޮންނާނެ

ހުޅުމާލޭ ނެއިބަހުޑް 1 ގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްޤީކުރާ ސްޕޯޓްސް ޕާކްގެ ބިންގާ އަޅައިފިއެވެ.

ކޮންޓެއިނާ ޕާކް ސަރަހައްދުގައި އޮންނަ ވޮލީކޯޓާއި ޖެހިގެން އޮތް ހުސްބިމުގައި ތަރައްޤީކުރާ އެ ޕާކްގެ ބިންގާ އަޅައިދެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރާއި ހުޅުމާލޭ މެދު ދާއިރާގެ މެންބަރު އަބުދުالله ޝަޒީމްއާއި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ހުސެއިން ޝަރީފުއެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް (ރިޓަޔާރޑް) މޫސާ އަލީ ޖަލީލްވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ޕާކްގައި ހިމެނެނީ ޓާފް އަޅައިގެން ތަރައްގީކުރާ ފުޓްސަލް ދަނޑަކާއި 3 އޮން 3 ބާސްކެޓް ބޯޅައަށް ހާއްސަ ކޯޓެކެވެ. މީގެ އިތުރުން މިހާރުވެސް ބޭނުން ކުރަމުން އަންނަ ވޮލީ ކޯޓު މި ޕާކުތެރޭގައި އޮންނާނެއެވެ.

އެޗްޑީސީން ބުނީ މިއީ އާންމު ރައްޔިތެއްގެ ކަންބޮޑުވުމަކާއި ގުޅިގެން އެޗްޑީސީން ތަރައްޤީކުރާ ޕާކެއް ކަމަށެވެ. އަދި އެ ކަންބޮޑުވުން ހިއްސާކުރި ފަރާތުންވެސް މިޕާކުގެ ބިންގާ އެޅުމުގައި ބައިވެރިކޮށްފައިވާއިރު އެޗްޑީސީން ބުނީ ހުޅުމާލޭގައި ކުޅިވަރަށް ހާއްސަ މިފަދަ ބިންތަކުގައި ވަސީލަތްތައް ގާއިމު ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ.

އަދި ތުއްތު ކުދިންނާއި އެކި އުމުރުފުރާތަކުގެ ކުދިންނަށް ބޭނުން ހިފޭ މި ފަދަ ޕާކުތަކާއި ކުޅިވަރު ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކޮށްދިނުމަށް ކުރިޔަށް އޮތްތަނުގައިވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.