ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ މަޤުބޫލުކަން ދަށަށް


އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އޭނާގެ މަޤުބޫލުކަން، ވެރިކަމާ ޙަވާލުވެވަޑައިގެންވި ފަހުން ވެއްޓިފައިވާ އެންމެ ދަށު ދަރަޖައަށް ވެއްޓިއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ގައެވެ.

ރޮއިޓަރސް އަދި އިޕްސޮސްއިން މާރިޗު 25 ވަނަ ދުވަހު ޢާންމުކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާ ރައްޔިތުންގެ ތެރެއިން %61 މީހުން ޓްރަމްޕްގެ ހަނގުރާމައާ ދެކޮޅެވެ. މިއާއެކު، އޭނާއަށް ޖުމުލަ ގޮތެއްގައި ތާޢީދުކުރާ މީހުންގެ އިންސައްތަ ވެސް ވަނީ %36 ދަށްވެފައެވެ. އެސޯސިއޭޓެޑް ޕްރެސް އަދި އެންއޯއާރްސީ ސެންޓަރ ފޯ ޕަބްލިކް އެފެއާޒް ރީސަރޗްގެ ސާވޭއެއްގައި ބައިވެރިވި އެމެރިކާގެ ރައްޔިތުންގެ ތެރެއިން %59 މީހުން ދެކެނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާފުން ބޭރު، މާ ފުޅާ ހަނގުރާމައެއްގެ ގޮތުގައެވެ.

ފެބުރުއަރީ 28 ގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން ފެށި މި ހަނގުރާމައިގައި އީރާނުން ދަނީ އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާ ދެމުންނެވެ. ޙަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށެވެ. އަދި، ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 19 މީހުން މަރުވެ، 5,492 މީހުން ވަނީ ޒަޚަމުވެފައެވެ.

އީރާންގެ ވަރުގަދަ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވެފައިވާ ކަން ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުން، މާރިޗު 13 ގައި ޢިރާޤުގެ ހުޅަނގު ސަރަޙައްދަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރައްމުންދާއިރު، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން އަދިވެސް ދަނީ ހުޅަނގު އޭޝިޔާ ސަރަޙައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަމުންނެވެ.