ޚަބަރު

އަނިޔާވެ، ޓިމޯ ލެސްޓޭ މެޗުގައި ހަމްޕުއަށް ނުކުޅެވޭނެ


  • ހަމްޕު ވަނީ ކޮލިފައިންގެ ފަސް މެޗުގައި ވެސް ކުޅެފައި

  • އަނިޔާވެފައި ވަނީ ފައިގެ ކަށިމައްޗަށް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖެއިން ކުޅޭ ފަހު މެޗުގައި ރާއްޖޭގައި މިވަގުތު ހުރި އެންމެ އިތުބާރު ފޯވާޑް، ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ނުކުޅެވޭނެކަމަށް ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހަމްޒާ ބުނީ، މެޗުގައި ނުކުޅެވެނީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އެގޮތުން، ފައިގެ ކަށިމަތީ ކަށިގަނޑާ ދިމާލުގައި މަސްކޮޅެއް އުފެދިފައިވާތީ، އުނދަގޫތަކެއް ހުރިކަމަށް ހަމްޒާ ބުންޏެވެ.

ހަމްޒާ އިތުރަށް ބުނީ، މި އަނިޔާ އަކީ، ދިވެހި ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން އެންމެފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާއެއް ކަމަށެވެ.

އަދި ޓިމޯ ލެސްޓޭ މެޗުގައި ނުކުޅެވުނު ނަމަވެސް، އަންނަ ޖޫން މަހު ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތަށް އެކުލަވާލާ ސްކޮޑަށް ނަގައިފިނަމަ އެ މެޗަށް ފިޓުވާނެކަމަށް ވެސް ހަމްޒާ ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ހަމްޒާ ވަނީ، މި ފަހަރު ރާއްޖެއިން ކޮލިފައިންގައި ކުޅުނު ފަސް މެޗުގައި ވެސް ޤައުމީ ސްކޮޑުގައި ހިމެނި ކުޅެފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ހަމްޒާ ވަނީ، މި ފަހަރުގެ މެޗަށް އެކުލަވާލި ސްކޮޑުގައި ހިމެނުމުން، ފަރިތަކުރުންތަކުގައި އެއް ދުވަހު ބައިވެރިވެފައެވެ. އެހެންނަމަވެސް ލިބިފައިވާ އަނިޔާއާ ގުޅިގެން ތަދު އިހުސާސްކުރެވޭތީ، ގައުމީ ޓީމުގެ މެޑިކަލް ޓީމާ ވާހަކަދެއްކުމަށްފަހު ހަމްޒާ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިނުވާން ނިންމާފައެވެ.

ހަންގޭރީގެ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން މި މެޗަށް ތައްޔާރުވަމުން އަންނަ ގައުމީ ސްކޮޑަށް، ހަމްޒާ ހިމެނޭހެން 26 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް އެކުލަވާލައި، ފަރިތަކުރުންތައް ވަނީ ފަށާފައެވެ.