ކުޅިވަރު

އަނިޔާގެ ރުޅި ބްރެޒިލަށް، ކްރޮއޭޝިޔާ މެޗު ވިނީޝިއުސް ނުކުޅޭނެ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން މި ހަފުތާގައި ބްރެޒިލްއިން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ފޯވަޑް ވިނީޝިއުސް ޖޫނިއާ ލައްވައި ނުކުޅުވަން ނިންމައިފި އެވެ.

ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ ކުޅުންތެރިޔާ އަށް ކޮންމެވސް ވަރެއްގެ ހާނިއްކައެއް ވެފައިވުމާއެކު އިތުރަށް ކުޅުވައިފިނަމަ އޭނާ އަށް ރެއާލް މެޑްރިޑްގެ މުހިންމު މެޗުތަކެއް ގެއްލިދާނެ ކަމުގެ ބިރު ހީވުމުންނެވެ. މި ގޮތުން ރެއާލް މެޑްރިޑުން ވަނީ ބްރެޒިލްގެ ފެޑަރޭޝަނުގައި ވިނީޝިއުސްއާ މެދު ފަރުވާތެރިވެ، އޭނާ އަށް އަރާމު ކުރަން ފުރުސަތު ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ.

މިހެންވުމާއެކު އަންގާރަ ދުވަހުގެ ރޭ އެމެރިކާގެ އޮލާންޑޯގައި ކްރޮއޭޝިޔާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އެންމެ މުހިންމު ދެ ފޯވަޑުން ވެސް ނުލަ އެވެ. މި މެޗުގައި ނުކުޅޭނެ އަނެއް ކުޅުންތެރިއަކީ ބާސެލޯނާގެ ފޯވަޑް ރަފީނިއާ އެވެ. އޭނާ އަށް އަނިޔާވެ ފަސް ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނީ ބުދަ ދުވަހުގެ ރޭ ފްރާންސް އަތުން ބްރެޒިލް ބަލިވި މެޗުގަ އެވެ.

މިކަމާހުރެ ބާސެލޯނާއިން ވަނީ ބްރެޒިލް ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނީ މެޗުގެ ކުރިން ވެސް ކުޅުންތެރިޔާގެ ހާލަތު ބްރެޒިލާ ހިއްސާ ކޮށްފައިވާނެ ކަމަށާއި ރަފީނިއާ ލައްވައި ބްރެޒިލްގެ މިހާރުގެ ކޯޗު އަދި ކުރިން ރެއާލް މެޑްރިޑަސް ކޯޗުކޮށްދިން ކާލޯ އަންޗެލޯޓީ އެ މެޗުގައި ކުޅުވީ ހުރިހާ ކަމެއް އެނގިހުރެ ކަމަށެވެ. މިކަމާ ގުޅިން ބާސެލޯނާއިން މިހާރު ވަނީ ބްރެޒިލްގެ ފެޑަރޭޝަނަށް ރަސްމީކޮށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ރަފީނިއާގެ އަނިޔާގެ ސަބަބުން އޭނާ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް ދެ މެޗުގައި ވެސް ނުކުޅެވޭނެ އެވެ. އަނިޔާގެ ސަބަބުން ކުޅުންތެރިޔާ މިހާރު ވަނީ ބްރެޒިލްގެ ކޭމްޕް ދޫކޮށް ފަރުވާ އަށް ބާސެލޯނާ އަށް އައިސްފަ އެވެ.