ސްޓޭޓް އޮފް ދަ އާޓް، އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށުން މިއޮތީ ވަރަށް ކައިރީގައި ކަމަށާއި، މިއީ ހަނގުރާމައާއި ގުޅިގެން މަސައްކަތް ހުއްޓޭނެ ޕްރޮޖެކްޓެއް ނޫން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ޒުވާނުންނާއެކު" އެކްސްޕްރެސޯ ވިތް ރައީސް' މި ނަމުގައި ބޭއްވި ހާއްސަ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގައި ހަދާ އިންޑޯ ފުޓްސަލް ސްޓޭޑިއަމްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށާއި، މި މަޝްރޫއުގެ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފަ ކަމަށެވެ.
"މިހުރިހާ އެއްޗެއްގެ ފައިނޭންސް މިހިރީ ގެރެންޓީޑް ފައިނޭންސް ނިޒާމެއް. މި ހިނގާ ހަނގުރާމައާާއި ގުޅިގެން އަޅުގަނޑުމެން ހަރަދު ކުޑަކުރުމުގެ ތެރެއިން ސްޓަކް ނުވާނެ ފައިނޭންސެއް އާދައިގެން ބަހުން ބުނަންޏާ" ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަޅާ އިންޑޯ ފުޓްސަލް ސްޓޭޑިއަމް ވެގެންދާނީ މި ސަރަހައްދުގައި ގާއިމުކުރާ އެންމެ ޒަމާނީ އެއް ފުޓްސަލް ކޮމްޕްލެކްސްއަށެވެ. މިއީ ރައީސުލްޖުލްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން ޒުވާނުން އެދޭ ގޮތަށް ފަރުމާކޮށްގެން ކުރިޔަށް ގެންދަވާ މަޝްރޫއެކެވެ. ރައީސް ވިދާޅުވީ މިތަން ތަރައްޤީވެގެންދާއިރު އިންޑޯ ސްޓޭޑިއަމްގެ އިތުރުން މަތީ ފްލޯތަކުގައި ޓްރެއިނމިން ޕިޗްތައްވެސް ހެދޭނެ ކަމަށެވެ.
"ހުޅުމާލޭގައި ފުޓްސަލް ސްޓޭޑިއަމް ހަދަނީ، ބިންވެސް ހަމަޖެހިފައި އޮތީ، ގްރައުޑް ލެވެލްގައި އިންނާނީ ކުރެހުމުގައި އެ ފެންނަ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެވޭ ފުޓްސަލް ސްޓޭޑިއަމް" މަތީގައި އަންނަ 2 ފުލޯގައި ހަތަރު ފުޓްސަލް ފިޗުތައް ހުންނާނެ" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ބައިވަރު ކުލާސްރޫމުތަކާއި، ލޮކަރުތަކާއި، ފަސްޓްއެއިޑް ރޫމާއި ކެފެޓީރިއާވެސް މަތީގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި އިންޑޯ ފުޓްސަލް ޕިޗެއް ނެތް އިރު ފުޓްސަލް އާއިލާއިން ފަރިތަކުރުންތަކަށާއި މުބާރާތްތަކަށް ބޭނުން ކުރަމުން އަންނަނީ ހުޅުމާލެ ރެހެންދި ޓާފެވެ. އެތަނަކީ ހޭންޑް ބޯޅައިންވެސް މިވަގުތު ބޭނުން ކުރަމުން އަންނަ ދަނޑެވެ. އަދި ގިނަ އަދަދެއްގެ އެކަޑަމީތަކުންވެސް އެތަން ބޭނުން ކުރެއެވެ. އެހެންކަމުން އެ ދަނޑު ހޯދުމުގައި ދަތިތައް ކުރިމަތިވެ، މާލެ ސަރަހައްދުގައި ފުޓްސަލަށް ހާއްސަ ތަނެއް ނެތުމަކީ ޒުވާނުންގެ މެދުގައި އޮތް ދުވަސްވީ ކަންބޮޑުވުމެކެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްސަލްގެ އެއްވަނަ ޓީމު ރާއްޖޭގައި އޮންނައިރު މި ވަސީލަތްތައް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ފުޓްސަލް ޓީމަށް ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވުމުގައި މިހާރު ހުރި ދަތިތަކަށް ހައްލު ލިބޭނެ މަޝްރޫއެކެވެ. ސައުތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (ސާފ) އިން މުޅިން އަލަށް މި ސަރަހައްދަށް ހުޅުވާލައިގެންބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަހުރުވެރި އެއްވަނަ ހޯދާ ރަން ތަށި ކާމިޔާބުކޮށްފައިވަނީ ދިވެހި ރާއްޖެއިންނެވެ.